ދޮންކޭލަކީ ޒަމާނުއްސުރެ އަހަރުމެން ކައިއުޅޭ މޭވާއެކެވެ. އެކި ކަހަލަ ފޮނި ކާތަކެތި ހެދުމަށާއި ހުހަށް ކާލަންވެސް މީރު މޭވާއެކެވެ. މިހާރުވެސް ބައެއް ރަށްތަކުގެ ދަނޑުތަކުގައި ގިނަ އަދަދަކަށް ދޮންކެޔޮ ހައްދާފައި ހުރެއެވެ. ފިހާރަތަކުގައި ވިއްކަންވެސް ހުންނަ މި މޭވާ، ކޮންމެ ދުވަހަކު ހެނދުނު ކެއުމަކީ ސިއްޙަތަށް ގިނަ ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ.
ދޮންކޭލަކީ ކާތަކެތި ހަޖަމުކުރުން ފަދަ ކަންކަމަށް މަގުފަހިކޮށްދޭ މޭވާއެކެވެ. ހަމައެހެންމެ، ހިތާއި ކިޑްނީގެ ދުޅަޙެޔޮކަން އިތުރުކުރުމަށްވެސް މި މޭވާ އެހީތެރިވެއެވެ. މީގެއިތުރުން، ދޮންކެކޭލަކީ ޕޮޓާޝިއަމް، އެންޓިއޮކްސިޑެންޓްވެސް އަދި ފައިބަރ ވަރަށް ރަނގަޅަށް ލިއްބައިދޭ ބާވަތެކެވެ. އެހެންކަމުން، ގިނަ ދުވަސްވާ ބަލިތައް ނުވަތަ ކްރޮނިކް ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަ ކުރުމަށް ދޮންކެޔޮ އެހީތެރިވެދީ، ގޮހޮރުގެ ދުޅަހެޔޮކަން އިތުރުކުރުމަށްވެސް މަގުފަހިކުރުވައެވެ.
ދޮންކޭލަކީ ގިނަ އަދަދަކަށް ނިއުޓްރިޝަންތައް ހިމެނޭ މޭވާއެކެވެ. އަދި އަވަހަށް ބަނޑުހައިވުން ފިލުވައިދީ، ކެއުމަށްވެސް ފަސޭހަ އެއްޗެކެވެ. ހެނދުނުގެ ނާޝްތާއަށް ގިނަ ބަޔަކު ދޮންކެޔޮ ބޭނުންކުރާ ސަބަބުތަކަކީވެސް މިއެވެ. މީގެއިތުރުން، ދޮންކޭލަކީ އޭގައި ވިޓަމިންސްއާއި މިނަރަލް ފަދަ ނިއުޓްރިޝަންތައް ގިނަވެފައި، ކެލޮރީސް މަދުން ހުންނަ މޭވާއެކެވެ. އެހެންކަމުން، ދޮންކޭލުގެ ޒަރީޢާއިން، ބަރުދަން ލުއިކުރުމަށްވެސް އެހީތެރިވުމުގެ ފުރުސަތު އެބައޮތެވެ.
ޕޯޓެންޓް އެންޓިއޮކްސިޑެންޓްއަކީ އަހަރުމެންގެ ހަށިގަނޑުގައި ހުންނަ ސެލްތައް ހަލާކުވިޔަނުދީ ސަލާމަތްކުރާ މާއްދާއެކެވެ. މި މާއްދާގެ ގިނަ ވައްތަރެއް ދޮންކޭލުގައި ހިމެނެއެވެ. އޭގެތެރޭގައި ފްލޭވަނޮއިޑްސް އާއި އެއިމިންސް ހިމެނެއެވެ. މި މާއްދާތައްވަނީ ސިއްޙީ ފައިދާތަކަކާއި ގުޅިލާމެހިވެފައެވެ. އެގޮތުން، ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް އެހީތެރިވެދެއެވެ. ހަމައެހެންމެ، މެކިއުލަރ ޑިޖެނަރޭޝަން ނުވަތަ ލޯ ފުސްވުން ފަދަ ބަލިތަކުން ރައްކާތެރިކޮށްދިނުމަށް މަގުފަހިކުރުވައެވެ.
ޕެކްޓިން ނަމަކަށް ކިޔާ ޚާއްސަ ވައްތަރެއްގެ ފައިބަރއެއްވެސް ދޮންކެޔޮލުގައި ހިމެނެއެވެ. ފައިބަރގެ މި ވައްތަރަކީ އަހަރުމެންގެ ހަށިގަނޑުން ބޭކާރު އެއްޗެހި ރަނގަޅަށް ނުވަތަ އެދެވޭ ގޮތަށް ބޭރުކުރުމަށް އެހީތެރިވެތޭ ވައްތަރެކެވެ. މިފަދަ އެތައް ސިއްޙީ ފައިދާތައް ދޮންކެޔޮލުން ލިއްބައިދެއެވެ. އެހެންކަމުން ކޮންމެ ދުވަހެއްގެ ނާޝްތާގައި ދޮންކެޔޮވަކެއް ހިމެނުމަކީ އެދެވިގެންވާ ކަމެކެވެ.