ތައިލެންޑަށް ދަތުރުކުރާ ދިވެހިން ވެސް “ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު“ ފުރިހަމަކުރަންޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.
ޚާރިޖީ ވުޒާރާއިން މިއަދު ބުނީ، ތައިލެންޑްގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން 10 މޭ 2025 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު ތައިލެންޑަށް އެތެރެވުމުގެ ކުރިން ”ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު“ ފުރިހަމަކުރަންޖެހޭ ގޮތަށް ތައިލެންޑް އިމިގްރޭޝަނުން ވަނީ ހަމަޖައްސާފައެވެ.
މި އޮންލައިން ފޯމް ފުރުމަށް ޖެހޭނީ ދަތުރަށް ފެށުމުގެ ތިން ދުވަހުގެ ތެރޭގައެވެ.
މީގެ ސަބަބުން، ރާއްޖެއާއި ތައިލެންޑްއާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައިނުވާކަމަށް ދިވެހި ޚާރިޖިއްޔާއިން ބުންޏެވެ. އަދި ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް މިހާރުވެސް 90 ދުވަހުގެ ”އެންޓްރީ ވިސާ“ ގައި ތައިލެންޑަށް ދަތުރު ކުރެވޭނެކަމަށް ވެސް ޚާރިޖިއްޔާއިން ބުނެއެވެ.
“އެހެންކަމުން ތައިލެންޑަށް ދަތުރުކުރައްވާ ފަރާތްތަކުން، ދިވެހިރާއްޖެއިން ފުރައިވަޑައިގަތުމުގެ ކުރިން ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު އޮންލައިންކޮށް ފުރުއްވުމަށް އިލްތިމާސް ކުރަން“ ޚާރިޖިއްޔާއިން ބުނެފަވެއެވެ.
ދިވެހި ޚާރިޖިއްޔާއިން ވަނީ ރާއްޖެއިން ބޭރުގައި އުޅޭއިރު އެ ޤައުމެއްގެ ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް ނަސޭހަތްތެރިވެފައެވެ.