2007 ވަނަ އަހަރުން ދުންފަތް ބޭން ކުރީ ރަނގަޅަށް ތަންފީޒު ކުރަން: ރައީސް
ދެންމެ | 17 އޭޕްރިލް 2025

ވަކި އުމުރަކަށް ދުންފަތް މަނާކުރަން އާއްމުންގެ ހިޔާލު ހޯދުމަށް ފަހު، އެހެން ގޮތަކަށް ނިންމީ އެންމެ ރަނގަޅަށް އެކަން ތަންފީޒުކުރެވޭނެ ގޮތަށް ހެދުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓުގައި އެ މަނިކުފާނު މިއަދު ވިދާޅުވީ ”ޖެނެރޭޝަން ބޭން“ ގެނައުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެ ބަދަލުތައް ގެނައުމަށް ގާނޫނަށް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން އެ އިސްލާހުތައް ގެނެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ދުޅަހެޔޮ ޖީލެއް ބިނާކުރަން ސަރުކާރުން ވަނީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަން ވާނެ ކުދިންނަށް އަންނަ ނޮވެމްބަރު 1 އިން ފެށިގެން ދުންފަތް މަނާކުރަން ނިންމައިފަ އެވެ. އެކަމާ މެދު ގޮތެއް ނިންމުމުގެ ކުރިން ރައީސް މުއިއްޒު ވަނީ އާއްމުންގެ ހިޔާލަށް ސޯޝަލް މީޑިއާގައި ހުޅުވާލައްވައިފަ އެވެ. އެއީ 2،000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނާއި 2004 ވަނަ އަހަރު އަދި 2007 ވަނަ އަހަރެވެ.

ރަނގަޅު ނަތީޖާއެއް ނުކުންނަން ބޭނުން އަޅުގަނޑު މިކަމުގައި. އަޅުގަނޑުމެން މިކަމުގައި ގާނޫނު ހަދައިގެން ތަންފީޒުކުރަން އުޅެގެން މަޖުބޫރު ކަމެއްގެ ތެރެއިން މިކަން ކުރަން އުޅޭއިރު ނަތީޖާ ރަނގަޅުނުވިއްޔާ ރަނގަޅެއް ނުވާނެ ނޫންތޯ. ކުރަން އުޅޭ ކަމެއް ހާސިލެއް ނުވޭ. މަގުސަދަކީ ރާއްޖޭގެ ރައްޔިތުން ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުން އެންމެން ވެސް. ވަކި އުމުރެއް ނޫން.— ރައީސް

ސޯޝަލް މީޑިއާގެ އެކި ޕްލެޓުފޯމުތަކުގައި ހުޅުވާލި ޕޯލްތަކުން ގިނަ މީހުން ތާއިދުކުރީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތް މަނާކުރާށެވެ. ނަމަވެސް، ގިނަ މީހުންގެ ހިޔާލާ ދެކޮޅަށް އެ ބޮޑު ނިންމުން ނިންމުމުން އެ މަނިކުފާނަށް ފާޑުކިޔުން އަމާޒުވި އެވެ.

އެކަމާ ގުޅިގެން ރައީސް މިއަދު ވިދާޅުވީ އާއްމުންގެ ހިޔާލަށް ވަރަށް އިހުތިރާމް ކުރައްވާ ކަމަށާއި ޕޯލްގައި ގިނަ ބަޔަކު ބައިވެރިވުމުން ވަރަށް އުފާފުޅު ކުރައްވާ ކަމަށެވެ. އެކަމަކު، ކަމެއް މަޖުބޫރުކުރާއިރު، ނިންމަން ޖެހޭނީ، ރައީސް ވިދާޅުވި، ގޮތުގައި އެކަމެއް ރަނގަޅަށް ތަންފީޒުވާނެ ގޮތަކަށް ނިންމާށެވެ. އެކަމުގައި ހުރިހާ ދިމާލުން ވިސްނަން ޖެހޭކަން ފާހަގަކުރެއްވި އެވެ.

ޒުވާނުންގެ ހިޔާލު ވެސް އަމިއްލަފުޅަށް ހޯއްދެވި ކަމަށާއި އެ ހުރިހާ ކަމަކުން ވެސް އެންމެ ރަނގަޅު ގޮތަކަށް ފެނުނީ 2007 ވަނަ އަހަރަށް ދުންފަތް މަނާކުރަން ކަމަށް ވިދާޅުވި އެވެ.

”ރަނގަޅު ނަތީޖާއެއް ނުކުންނަން ބޭނުން އަޅުގަނޑު މިކަމުގައި. އަޅުގަނޑުމެން މިކަމުގައި ގާނޫނު ހަދައިގެން ތަންފީޒު ކުރަން އުޅެގެން މަޖުބޫރު ކަމެއްގެ ތެރެއިން މިކަން ކުރަން އުޅޭއިރު ނަތީޖާ ރަނގަޅު ނުވިއްޔާ ރަނގަޅެއް ނުވާނެ ނޫންތޯ،“ ރައީސް ވިދާޅުވި އެވެ.

”ކުރަން އުޅޭ ކަމެއް ހާސިލެއް ނުވޭ. މަގުސަދަކީ ރާއްޖޭގެ ރައްޔިތުން ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުން އެންމެން ވެސް. ވަކި އުމުރެއް ނޫން.“

ރައީސް ވިދާޅުވީ، ރަނގަޅު ނަތީޖާއާ ހަމައަށް ދާން ބޭނުން ނަމަ އެ މަނިކުފާނަށް ފެނިވަޑައިގަތީ ދެ ވަނައަށް އެންމެ ގިނަ މީހުން ވޯޓު ދިން ގޮތް ކަމަށާއި ބައެއް ކުދިންނާއި ޒުވާނުންގެ ހިޔާލު ހޯއްދެވި ކަމަށެވެ.

”ގާތްގަނޑަކަށް 20-25 އާ 18 އާ ދޭތެރޭގައި ވަރަށް ގިނަ ކުދިން ރެންޑަމްލީ ވެސް ވާހަކަދައްކާލިން. އަޅުގަނޑަށް ހަމަ ގަބޫލުކުރެވުނީ ދެ ވަނައަށް އެންމެ ގިނަ ވޯޓު ދިން ގޮތޭ މިކަމުގައި ރަނގަޅު ނަތީޖާ ނެރެންޏާ އެންމެ ރަނގަޅު ގޮތަކީ،“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި ރާއްޖޭގެ އާބާދީގެ 30 ޕަސެންޓަކީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނެވެ. އެ އާބާދީ އެކަނި ވެސް ދުންފަތުން ދުރުކުރެވިއްޖެ ނަމަ އެ ސަލާމަތް ކުރެވެނީ ރާއްޖޭގެ މުސްތަގުބަލު އަދި ރާއްޖޭގެ ބޮޑު އާބާދީއެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

”ވަރަށް ވަރަށް ބޮޑު ކާމިޔާބީއެއް އެއީ. ރާއްޖޭގެ ރައްޔިތުންގެ ސިއްހަތު މިގޮތަށް އަޅުގަނޑުމެންނަށް ސަލާމަތްުރެވިއްޖެއްޔާ އެއީ ރައްޔިތުންގެ ހެލްތަށް، ސިއްހަތަށް ކޮށްދެވޭ އިންވެސްޓްމަންޓެއް. ސަބަބަކީ، އެންމެ ބޮޑަށް ފެތުރޭ، ގައިންގަޔަށް ނާރާ ބަލިތަކުގެ އެއް ސަބަބަކަށް ވަނީ ހަމަ ދުންފަތުގެ އިސްތިއުމާލުކުރުން.“ ރައީސް ވިދާޅުވި އެވެ.

ދުންފަތުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކަށް ކުރާ ހޭދަ ވެސް ބޮޑު ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު، ”ޖެނެރޭޝަން ބޭން“ ގައި އިސްކަންދިނީ އާއްމު ސިއްހަތަށް ކަމަށާއި އެ ވަބާއިން ސަލާމަތް ވެއްޖެ ނަމަ ދިރިއުޅުން ބޮޑުތަނުން އުޖާލާވެ، ވަޒީފާ އަދާކުރުމާއި އިގުތިސާދީ ގޮތުން އަދި އެކި ގޮތްގޮތުން ގައުމަށް ހިދުމަތްކުރުމުގައި ބައިވެރިވެވޭނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި 80 ޕަސެންޓު މީހުން މަރުވަނީ ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކުން ކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އޭގެ ތެރޭގައި ގިނަ ޒުވާނުން ހިމެނޭ ކަމަށެވެ. ސްކޫލު އުމުރުފުރައިން ފެށިގެން ދުންފަތް ބޭނުންކުރާތީ، ”ޖެނެރޭޝަން ބޭން“ ގެނައުމުން ދުންފަތުގެ ބާވަތްތަކުން ދުރުވުމަށް ބާރުއަޅާ ކަމަށް ވިދާޅުވި އެވެ.

ދުންފަތުން ދުރުވުމަށް ސެޒޭޝަން ކްލިނިކުން ފަރުވާ ހޯދާތާ ތިން މަސް ދުވަހުގެ ތެރޭގައި ރަނގަޅު ނަތީޖާ ދައްކާކަން ފާހަގަކުރައްވައި ރައީސް ވަނީ ދުންފަތުގެ ނުބައި އާދައިން ދުރަށް ދިއުމަށް އެދިވަޑައިގެންފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!