މެލޭޝިޔާގެ އެހީތެރިކަމާއިއެކު 250 މިލިޔަންގެ އިސްލާމިކް ފައިނޭންސް ބޮޑު މަސްރޫއެއް ފަށައިފި
ދެންމެ | 07 މެއި 2025

އަންހެނުންނާއި މުޖުތަމައުގެ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ، 250 މިލިއަން ރުފިޔާގެ ފައިނޭންސިން މަޝްރޫއެއް އިފުތިތާހުކޮށްފި އެވެ.

ކުރުނބާ ރިސޯޓްގައި ހެނދުނު އޮތް ރަސްމިއްޔާތުގައި އެ އިފުތިތާހުކޮށް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މިސްފީ އަކީ މެލޭޝިއާގެ ބޭންކް އިސްލާމްގެ ސަދަގާ ހައުސްގެ މައްޗަށް ޔުނިވަސިޓީ އޮފް ސެލެންގޯ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގުޅިގެން ކުރި ދިރާސާތަކަށް ފަހު ލޯންޗްކުރި އިނިޝިއޭޓިވެކެވެ.

މި ރަސްމިއްޔާތުގައި ރައީސް ދެއްކެވިވާހަކަފުޅުގައި ވިދާޅުވީ އިސްލާމިކް ފައިނޭންސް ފުޅާކުރުމަކީ ސަރުކާރުގެ ނެޝަނަލް ޑިވަލޮޕްމެންޓް ޕްލޭންގައި ހިމެނޭ މުހިއްމު ބައެއް ކަމަށެވެ. އަދި ރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް، އިގްތިސާދަށް އިންގިލާބީ ބޮޑު ބަދަލެއް ގެނައުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

”އިގްތިސާދަށް އިންގިލާބީ، ބޮޑު ބަދަލެއް ގެނައުމަށް މި އަންނަނީ މަސައްކަތް ކުރަމުން. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖެގައި ކާމިޔާބު ފައިނޭންޝަލް ސެންޓަރެއް ގާއިމްކުރުން. އެ ސެންޓަރުގެ ތެރެއިން އިސްލާމިކް ފައިނޭންސް ފުޅާކުރުމަށް ހާއްސަ އިސްކަމެއް ދޭނަން،“ އެމަނިކުފާނު ވިދާޅުވި އެވެ.

”މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭސިންގެ އިނީޝީއޭޓިވް“ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ، މިމަޝްރޫއަކީ އެމްއެމްއޭގެ 2025 އިން 2027ގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ މުހިއްމު އަމާޒެއްކަމަށެވެ. އަދި މިމަޝްރޫއަކީ ރާއްޖޭގެ މާލީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދާނެ މަޝްރޫއެއްކަމަށްވެސް ގަވަރުނަރުވަނީ ވިދާޅުވެފަ އެވެ.

މި ރަސްމިއްޔާތުގައި ޔުނިވަރސިޓީ އިސްލާމް ސެލެންގޯރގެ ވައިސް ޗާންސެލަރ މުހައްމަދު ފަރީދު ރާވީ ބިން އަބްދުﷲ އިސްލާމިކް ފައިނޭންސިންގެ ކާމިޔާބީއާއެކު މުޖުތަމަޢުގައި ނާޒުކު ހާލަތުގައި އުޅޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!