ޔޯގާ އަކީ ހިންދޫއިން އެމީހުންގެ އަޅުކަމެއްގެ ގޮތުގައި ކުރަމުން އަންނަ ކަމެއް ކަމަށް ސަރުކާރު ކޯލިޝަންގެ ޕާޓިއެއް ކަމަށްވާ އަދާލަތު ޕާޓީން ބުނެފި އެވެ.
އަދާލަތު ޕާޓީން މިރޭ އާއްމު ކުރި ބަޔާނެއްގައި ބުނީ، ޔޯގާގެ ހަރަކާތްތަކާއި އަމަލުތަކުގެ ތެރޭގައި އިސްލާމީ އަގީދާއާ ފުށުއަރާ، ކަނޑައެޅިގެން ޝިރުކުގެ އަމަލު ހިމެނޭ ކަމަށާއި، އެ ހަރަކާތުގައި އިރުގެ ނަންތައް ކިޔާ، އިރަށް ތައުޒީމުކޮށް ކުރުނީސްކުރުމުން، މާތް ﷲ ފިޔަވާ އެހެން ފަރާތެއް އަޅުކަން ކުރުމުގައި ބައިވެރި ކުރެވޭ ކަމަށެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ، ޝައްކެތްނެތްގޮތުގައި މާތްﷲ އާ އެހެން މަހުލޫގަކާއި ބައިވެރިކުރުން ނުވަތަ އެއްފަދަ ކުރުމަކީ ޝިރުކުގެ އަމަލެއް ކަމަށާއި، ބާތިލް ކަލާނގެއެއް މަތިވެރި ކުރުމަކީ ޝިރުކުގެ ތެރެއިން ވާކަމެއް ކަމަށެވެ. އަދި އިރަށް ބޯލަނބާ މާތްﷲ އަށް ދޭ ގަދަރު ދިނުމަކީވެސް ޝިރުކުގެ އަމަލެއް ކަމަށާއި މިހުރިހާ ކަމެއް ޔޯގާގެ ތެރޭގައި ހިމެނިގެން ވާކަމަށްވެސް އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.
”މާތްﷲ ވަނީ އެއިލާހަށް ޝިރުކު ކުރުން ވަރުގަދައަށް މަނާކުރައްވާ ނަހީކުރައްފައެވެ. އަދި ޝިރުކު ކުރާ މީހާގެ އެންމެހާ އަމަލުތައް ބާތިލުވާނެކަމަށް އަންގަވާފައެވެ. އަދި ޝިރުކު ކުރުންމަތީ މަރުވެއްޖެ މީހާގެ އާހުރު މަންޒިލަކީ ގަދަފަދަ އަޒާބުގެ ގޯތި ކަމުގައިވާ ނަރަކަ ކަންވެސް އަންގަވާއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿ إِنَّهُ مَن يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ ٧٢﴾ [سورة المائدة] މާނައަކީ: ” ހަމަކަށަވަރުން اللَّه އަށް ޝަރީކުކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه، އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމްކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް (އެބަހީ: ޝަރީކުކުޅަ މީހުންނަށް) ނަޞްރުދޭނޭ އެއްވެސް ބަޔަކު ނުވެއެވެ.“ އަދާލަތު ޕާޓީގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޔޯގާގެ ހަރަކާތްތަކާއި އަމަލުތަކުގެ އަސްލަކީ ހިންދޫ ދީނުގެ ކަމެއްކަން ސާފުވެ ބަޔާންވެގެން ދިޔަހިނދު، އިސްލާމީ ދިވެހި މި ދީބުގައި މިފަދަ ކަމެއް ފެތުރި އާއްމުވެ ދިޔަނުދިނުމަށް އިންތިހާއަށް ސަމާލުވާންޖެހޭ ކަމަށެވެ.
އެހެންކަމުން މިކަންކަމަށް ސަމާލުވެ އިސްލާމީ އަސާސްތަކާއި އުސޫލުތައް ހިފަހައްޓާ ނެގެހެއްޓުމަށް ދިވެހި ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާއަށާއި ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކަށާއި ދިވެހި ލޮބުވެތި ރައްޔިތުންނަށް ނަސޭހަތްތެރިވެ އިލްތިމާސް ކުރާ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.