ހަކަތަ އުފައްދާ މަރުކަޒުތަކަށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި
ދެންމެ | 20 މާރޗް 2026

އީރާނުގެ ސައުތު ޕާސް ގޭސް ފީލްޑާ ގުޅިފައިވާ ހަކަތަ އުފައްދާ މަރުކަޒަށް އިސްރާއީލުން ދޭ ހަމަލާތަކާއި އެ ސަރަހައްދުގެ ގައުމުތަކުން ހިއްސާވާ ގުދުރަތީ ގޭސް ރިޒާވްގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް އީރާނުން ދޭ ހަމަލާތައް ރާއްޖެއިން ހަރުކަށި އިބާރާތުން މިއަދު ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި މަރުކަޒުތަކަކީ ސަރަހައްދުގެ ގައުމުތަކުން ހިއްސާވާ ގުދުރަތީ ގޭސް ރިޒާވްގެ ބައެއް ކަމަށާއި ހަކަތަ އުފައްދާ މިފަދަ އިންފްރާސްޓްރަކްޗާތަކަށް ހަމަލާދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށެވެ. އަދި މިއީ މުޅި ސަރަހައްދުގެ ހަމަޖެހުން ގެއްލި، ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބަޔާނުގައިވެ އެވެ.

ހަމައެއާއެކު، ސައުދީ އަރަބިއްޔާ، ޔޫ.އޭ.އީ، ގަތަރު އަދި ކުވެއިތުގެ ވިޔަފާރި މަރުކަޒުތަކަށާއި ހަކަތަ އުފައްދާ ވަސީލަތްތަކަށް އަމާޒުކޮށް އިރާނުން ދެމުންދާ ހަމަލާތައްވެސް ސަރުކާރުން ވަނީ ކުށްވެރިކޮށްފަ އެވެ.

”ތެޔޮ އިންސްޓޯލްމަންޓްތަކާއި، ޑީސެލިނޭޝަން ޕްލާންޓްތަކާއި، އެއާޕޯޓްތައް ފަދަ މުހިންމު ތަންތަން ހިމާޔަތް ކުރުމުގެ މުހިއްމުކަން މީގެ ސަބަބުން ހާމަވޭ،“ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

މި ސަރަޙައްދުގެ އަމަންއަމާންކަމާއި ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށްޓަކައި މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލުމަށް ތަކުރާރުކޮށް ގޮވައިލާ ކަމަށް ސަރުކާރުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!