ޗައިނާ އިން ކުރިއަށް އޮތް މެއި މަހު ތެޔޮ ވިއްކާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނައިފި އެވެ.
ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުން ހޮންކޮންގް ފިޔަވައި އެހެން ސަރަހައްދުތަކަށް އަންނަ މަހުގެ ތެރޭ 500،000 މެޓްރިކް ޓަނުގެ ތެޔޮ (ޕެޓްރޯލް، ޑީސަލް އަދި ޖެޓް ފިއުލް) ބޭރުކުރުމަށްވަނީ ޗައިނާ ސަރުކާރުން ހުއްދަ ދީފަ އެވެ.
ޗައިނާ ސަރުކާރުގެ ކަމާ ގުޅޭ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ މި ޝިޕްމަންޓްތަކުގައި ހިމެނޭ ތެލުގެ މަދުވެގެން 40 ޕަސެންޓަކީ ޑީސަލް އާއި ޖެޓް ފިއުލް ކަމަށެވެ.
ތެޔޮ ވިއްކަން ޗައިނާ އިން ހުއްދަ ދީފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ބަންގްލަދޭޝް، މިޔަންމާ، ކެމްބޯޑިއާ، ލާއޯސް، ނިއުޒީލެންޑް އަދި އޮސްޓްރޭލިއާ ހިމެނެ އެވެ.
އީރާން ހަނގުރާމަ ފެށުމާ ވިދިގެން ހޮރުމޫޒް ކަނޑުއޮޅި ބަންދުވެ ތެލުގެ ދަތިކަން އޭޝިޔާގެ ގައުމުތަކަށް ކުރިމަތިވެ ތެލުގެ އަގު ވެސް ބާޒާރުގައި ބޮޑުވާން ފެށުމުން ރާއްޖެއިން ވަނީ ތެލުގެ ތާށިކަމެއް ކުރިމަތިވެދާނެތީ މިހާރު ތެޔޮ އެތެރެކުރާ ގައުމުތައް ފިޔަވާ އެހެން ބާޒާރުތަކުން ތެޔޮ ހޯދުމުގެ މަޝްވަރާ ކުރިއަށްދާކަމަށް ސަރުކާރުން އޮތީ އިއުލާންކޮށްފަ އެވެ. އަދި ނޭޝަނަލް އޮއިލް ރިޒާވް ގާއިމުކުރުމުގެ މަޝްރޫއެއް ފެށުމަށް ވެސް ސަރުކާރުން އަންނަނީ ފުޅާ ހޯދުންތައް ހޯދަމުން ނެވެ.
ރާއްޖޭގައި ދިގު މުއްދަތަކަށް ތެޔޮ ރައްކާ ކުރެވޭ ގޮތަށް ތެލުގެ ރިޒާވްއެއް ގާއިމްކުރަނީ، 1 އަހަރު ދުވަހަށް ބޭނުންވާނެ ވަރަށެވެ. މިއީ، 5 އަހަރު ދުވަހުގެ ޕްލޭންގެ ދަށުން ކުރިއަށް ގެންދާނެ މަޝްރޫއަކަށް ވާއިރު، ފޭސް 1ގެ މަސައްކަތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަކީ ސަރުކާރުގެ އަމާޒެކެެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުރުރާސްތާ އަށް ވިސްނައިގެން އަޅައި ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރަން ނިންމާފައިވާ ކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، މިދިޔަ މަހު 23 ގައި ބޭއްވެވި ބައްދަލުވުމުގަ އެވެ.



