ރާއްޖޭގެ އިގްތިސާދީ ދުވެލި ހެސްކިޔާފަ ބާރުވެ، ރަސްމީ ރިޒާވް %40 އުފުލިއްޖެ
ދެންމެ | 02 ޖޫން 2026

ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މާލީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ރާއްޖޭގެ ރަސްމީ ރިޒާވް އާއި އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވެފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭ އިން އާންމު ކުރި މިދިޔަ މެއި މަހުގެ އިގްތިސާދީ ރިޕޯޓުގައިވާ ގޮތުން، އިގްތިސާދުގައި ދައުރުވާ ފައިސާގެ މިންވަރު (ބްރޯޑް މަނީ) ވަނީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު %20 އިތުރުވެފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ އޭޕްރީލް މަހު 65.1 ބިލިއަން ރުފިޔާގައި ހުރި ބްރޯޑް މަނީ، މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ވަނީ 78.1 ބިލިއަން ރުފިޔާއަށް އަރައިފައެވެ.

މީގެ އިތުރުން، އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ މިންވަރު 39.2 ބިލިއަން ރުފިޔާއިން 45.1 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އިތުރުވެ، ވިޔަފާރިތަކަށް ބޭންކުތަކުން ދޭ އެހީތެރިކަން އިތުރުވަމުންދާކަމުގެ ހެއްކެކެވެ.

ދައުލަތުގެ ރަސްމީ ރިޒާވަށް ބަލާއިރު، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ހުރި 304.5 މިލިއަން އެމެރިކާ ޑޮލަރުން، މިދިޔަ އޭޕްރީލް މަހު ވަނީ 426.7 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. މިއީ ގާތްގަނޑަކަށް 40 އިންސައްތައިގެ ކުރިއެރުމެކެވެ. ރިޒާވަށް އައި މި ބަދަލަކީ ރާއްޖޭގެ ބޭރުގެ މާލީ މުއާމަލާތްތަކަށް ލިބުނު ބޮޑު ލުޔެއްގެ ގޮތުގައި އިގްތިސާދީ މާހިރުން ފާހަގަކުރައްވައެވެ.

ދައުލަތުގެ ރަސްމީ ރިޒާވް މި އަހަރުގެ މާރިޗު މަސް ނިމުނުއިރު، މިހާރު 1.3 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވާއިރު، މިއީ ރާއްޖޭގެ ތާރީހުގައިވެސް ރިޒާވް އެންމެ މަތިވި ފަހަރެވެ.

އެމްއެމްއޭއިން ވިދާޅުވާ ގޮތުގައި ރިޒާވާއި މަނީ ސަޕްލައިއަށް އައި މި ކުރިއެރުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރައި، ބޭރު ފައިސާ ވަންނަ މިންވަރު އިތުރުވުމުގެ ނަތީޖާއެވެ. އަދި މި ސަރުކާރުން އިގްތިސާދު ހަމަމަގަށް އެޅުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާގެ އިތުބާރު ބޮޑުވެފައިވާކަން މި ތަފާސްހިސާބުތަކުން ސާފުވެއެވެ.

މިއަހަރަކީ ސަރުކާރުން ދަރަނީގެ ގޮތުގައި އެއްފަހަރާ އެންމެ ބޮޑު އަދަދެއް ދައްކަން ޖެހުނު އަހަރެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް އަށް ބިލިއަން ދިވެހި ރުފިޔާ) ސަރުކާރުން މިދިޔަ އޭޕްރީލް މަހު ދައްކާފައިވެއެވެ.

ހަމައެއާއެކު އެމްއެމްއޭ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރް.ބީ.އައި) އާ ދެމެދު ގާއިމުކޮށްފައިވާ ”ފްރޭމްވޯކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޯ ސާކް ކަންޓްރީޒް 2024-2027“ ގެ ދަށުން، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބޭނުންކުރި 400 މިލިއަން އެމެރިކާ ޑޮލަރުގެ ސްވޮޕް ފެސިލިޓީވެސް އެމްއެމްއޭއިން ދައްކާ ހަލާސްކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!