ފިޔާގެ ސްޓޮކް ހުސްނުވާ ކަމަށާއި އަންނަ ހަފްތާގައި ހޯލްސޭލްކޮށް ފިޔާ ވިއްކަން ފަށާނެ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިދާޅުވެއްޖެއެވެ.
އެސްޓީއޯއިން ވިދާޅުވީ، ފިޔާ ލިބުމުގައި ދަތި ކަމެއް އުޅޭ ކަމަށާއި އަގުބޮޑުކޮށް ފިޔާލިބޭކަމުގެ މައުލޫމާތު މީސްމީޑިއާގެ އެކި މަންސަތަކުން އެކުންފުންޏަށް ލިބެމުން އަންނަ ކަމަށެވެ.
އެހެންނަމަވެސް ކުރިއެކޭ އެއްގޮތަށް އެސްޓީއޯގައި ފިޔާ އެބަހުރި ކަމަށާއި އެސްޓީއޯއިން ފިޔާ ކިލޯއެއް ވިއްކަމުން ދަނީ ކުރިންވެސް ވިއްކަމުންދިޔަ އަގު ކަމަށްވާ 13 ރުފިޔާއަށް ކަމަށް އެސްޓީއޯއިން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިއަންނަ ހަފްތާގައި ހޯލްސޭލްކޮށް ފިޔާ ދޫކުރަން ފަށާނެ ކަމަށް ވެސް އެސްޓީއޯއިން ވިދާޅުވިއެވެ. އަދި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކަށް ވެސް ފިޔާ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.



