ގަތަރުގެ އަމީރު، ރައީސް ޑރ. މުއިއްޒު އާއި ބައްދަލުކުރައްވައިފި
ދެންމެ | 14 ޖުލައި 2026

ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އާލް ސާނީ، ރައީސް މުހައްމަދު މުއިއްޒުއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ މިއަދު މެންދުރު ފަހު، ވެރިރަށް ދޯހާގައި ހުންނަ ލޫސައިލް ގަނޑުވަރުގަ އެވެ.

އެ ބައްދަލުވުމުގައި ގަތަރުގެ ކުރީގެ އަމީރު ޝައިޚް ހަމަދު ބިން ހަލީފާ އާލް ސާނީ އަވަހާރަވުމާ ގުޅިގެން، ދިވެހި ރައްޔިތުންގެ ނަމުގައްޔާއި ރައީސް މުއިއްޒުގެ އަމިއްލަފުޅު ނަންފުޅުގައި ތައުޒިޔާ ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމާ މެދު މަޝްވަރާކުރައްވައި، އެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ އަޒުމު ދެ ގައުމުން ހިއްސާކުރާކަން ދެ ބޭފުޅުން ހާމަކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ގަތަރުގެ ކުރީގެ އަމީރު، ހަމަދު ބިން ހަލީފާ އާލް ސާނީ ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ. މީގެ ތެރޭގައި، ގަތަރު އެއާވޭސް ރާއްޖެއަށް އޮޕަރޭޓްކުރަން ފެށުމާއި، ހައްދުންމަތީގައި ހަމަދު ބިން ހަލީފާ އަލް ސާނީ ސްކޫލު ގާއިމުކުރުމާއި، ހުޅުމާލޭގައި މަސްޖިދުއްޝައިޚް ޤާސިމް ބިން އަލް ސާނީ ބިނާކުރުން ހިމެނެ އެވެ.

އެނގުން މުހިއްމު – ޝެއިހް ހަމަދަކީ އެ ގައުމުގެ ފަސްމަންޒަރު ބަދަލުކޮށް، އެ ގައުމު ސަރަހައްދީ ވަރުގަދަ ބާރަކަށް ހެއްދެވި ލީޑަރެވެ. އެމަނިކުފާނު ގަތަރުގެ ވެރިކަން ކުރެއްވީ 1995 އިން 2013އަށް 18 އަހަރެވެ.

އެއަށް ފަހު އެމަނިކުފާނު ވަނީ ވެރިކަން ދޫކޮށްލައްވައި، ގޭހުގެ މުއްސަނދިކަން ލިބިފައިވާ ގަލްފްގެ އެ ގައުމުގެ މިހާރުގެ ވެރިޔާ އަދި އެ މަނިކުފާނުގެ ދަރިކަލުން ޝެއިހް ތަމީމްއާ ވެރިކަން ހަވާލުކުރައްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!