ރައީސް ޑރ. މުހައްމދަު މުއިއްޒާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެކެ ރައްޔިތުން ފޫހިވާކަމަށާއި އެހެންނަމަވެސް ޕީއެންއެފްގެ ފިކުރަށް އިތުބާރުކުރާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީގެ ވެރިންނާއި މި ސަރުކާރު ދެކެ ރައްޔިތުން ފޫހިވެފައިވާ ކަމަށެވެ. އެގޮތުން މި ސަރުކާރުން ވާހަކަ ދައްކަމުން އަންނަނީ ރައްޔިތުންނަކީ 5 އަހަރުގެ ސިކުނޑި ހުރި ބަޔަކަށް ހަދައިގެން ކަމަށެވެ. އެ ސަބަބާއި ހެދި މި ސަރުކާރާއި މެދު ރައްޔިތުންގެ ހުރި ހިތްހަމަނުޖެހުން ކޮންމެ އިންތިހާބަކުން ދައްކަމުންދާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ސަރުކާރަށް ކާމިޔާބު ކުރެވުނީ ”ހަނީމޫން“ ދުވަސްތަކުގެ ތެރޭގައި ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ރައީސް ޑރ. މުހައްމދަު މުއިއްޒާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެކެ ރައްޔިތުން ފޫހިވާކަމަށާއި އެހެންނަމަވެސް ޕީއެންއެފްގެ ފިކުރަށް އިތުބާރުކުރާ ކަމަށެވެ. ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި އުޅުނީ ވާހަކަ ވިއްކައިގެން ނޫން ކަމަށާއި ކަންކަން އިއުލާން ކުރީވެސް ތަންފީޒީ މަރުހަލާއާ ހަމައަށް ދިޔުމުން ކަމަށެވެ.
“ އެވްރެޖްކޮށް ރާއްޖޭގެ ރައްޔިތުން ސިޔާސީ ކަންކަމުގެ މަތިން ފޫހިވެއްޖެ. އެއީ ވެރިންގެ ނާގާބިލުކަމުން. ކުރީގައި ހުރި ކަތީބަށް ވުރެ ރަނގަޅަށް ތިމަންނަ ކަންތައް ކުރާނަމޭ ކިޔާފައި އޭގެ ދިހަ މޭލު ފަހަތަށް މިދަނީ،“ ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންނަށް ވެސް ރައްޔިތުންގެ ތާއީދެއް މިހާރު ނޯންނާނެ ކަމަށާއި އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އަމިއްލަފުޅަށް ބޭނުންވެވަޑައިގެން ނެންގެވި ރިފަރެންޑަމް ވޯޓުން ބޮޑުތަނުން ބަލިވުމުން ރައްޔިތުންގެ ތާއީދު ނެތްކަން އެނގޭ ކަމަށެވެ.



