ސިންގަޕޫރުގެ ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
ދެންމެ | 09 އޯގަސްޓް 2026

ސިންގަޕޫރުގެ ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖެ އާއި ސިންގަޕޫރުގެ ބަދަހި ގުޅުމަކީ އިތުބާރާއި އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ.

މި ގުޅުމަކީ ސަރަހައްދުގެ ސުލްހަވެރިކަމާއި ކުރިއެރުމަށް އުއްމީދުކުރާ އެކުވެރި ގުޅުމެއް ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. ރައީސްގެ ޕޯސްޓްގައި ވަނީ ސިންގަޕޫރުގެ ރައްޔިތުންނަށް ތަރައްގީއާއި، އެއްބައިވަންތަކަމާއި، ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.

ސިންގަޕޫރާއި ރާއްޖޭއާއި ދެމެދު ގާތް ގުޅުމެއް އުފެދިފައިވާއިރު މިދިޔަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ގައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ދައުވަތަކަށް ސިންގަޕޫރަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފަ އެވެ. މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މަތީ ފަންތީގެ ގިނަ މަޝްވަރާތަކެއް ކުރައްވާފައިވެ އެވެ.

ސިންގަޕޫރުގެ ގައުމީ ދުވަސް ފާހަގަކުރަނީ އެ ގައުމު މެލޭޝިއާއިން ވަކިވެ، މިނިވަން ގައުމަކަށްވި ދުވަހު އެވެ. ސިންގަޕޫރާއި ދިވެހިރާއްޖެ ހާރިޖީ ގުޅުން ގާއިމްކޮށްފައިވަނީ 1975 ވަނަ އަހަރު ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހު އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!