މިއަދަކީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ ޤައުމީ ފަތުރުވެރިކަމުގެ ދުވަހެވެ.
ޤައުމީ ފަތުރުވެރިކަމުގެ ދުވަހެއް ރާއްޖޭގައި ފާހަގަ ކުރުމަށް ނިންމަވާ އެކަން އިޢުލާނު ކުރެއްވީ މިދިޔަ އަހަރު އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު ފެށުނު ފަތުރުވެރިކަމުގެ ރަންޔޫބީލް ޙަފްލާގައެވެ.
ދިވެހިރާއްޖެގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ، ފަތުރުވެރިކަމުގެ ރަންޔޫބީލް މުނާސަބަތާ ދިމާކޮށް ޤައުމީ ފަތުރުވެރިކަމުގެ ދުވަހެއް ފާހަގަކުރާއިރު ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރި ކަޅު މާޒީއަކީ އިއްޔެ މެންދުރު ހިނގި ކަމެއްހެން ދިވެހިންގެ ހިތުގައި ހަރުލާފައި ހުރި ހިތި ހަނދާންތަކެކެވެ.
ދިވެހިންގެ ތެރެއިން ބަޔަކު ރާއްޖެއިން ބޭރުގައި ތިބެގެން ފަތުރުވެރިން ރާއްޖެއަށް ނުދިއުމަށް ގޮވާލައި ރާއްޖޭގެނަން ކިލަނބުކޮށް، އިޤްތިޞާދު އަނދަވަޅަކަށް ވައްޓާލުމަށް މަސައްކަތްތަކެއް ކުރީ ކޮންއިރަކު ކޮން ބައެއްތޯ ބަލާލުމަކީ މިފަދަ ދުވަހަކު ކުރުން އެންމެ ރަނގަޅު އެއްކަމެއްގެ ގޮތުގައި ދެކިގެން މިކަމަށް އަލިއަޅުވާލާނަމެވެ. އެއީ މިފަދަ ނޭދެވޭ ކަންކަމުން ޤައުމު ސަލާމަތްކުރުމުގެ ނިޔަތުގައެވެ.
ކުޑަކޮށް ފަހަތަށް ޖެހިލާ ހާވާލުމުން ފެނުނީ ކުރީގެ ރައީސް، މިހާރު ރައްޔިތުންގެ މަޖިލީހުގެރައީސް އަދި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ދިވެހިރާއްޖެއަށް ޒިޔާރަތް ނުކުރުމަށް ޔޫރަޕްގެ ބައެއް ޤައުމުތަކުގެ ފަތުރުވެރިންނަށް ގޮވާލި ޚަބަރެކެވެ.
އެއީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހު ”މިނިވަން ނިއުސް“ ކިޔާ ނޫހެއްގައި ލިޔެފައި އޮތް ލިޔުމެކެވެ. އެލިޔުމުގައި ވަނީ ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދިވެހިރާއްޖޭގެ ޓްއަރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލައްވައިފި ކަމަށާ އަދި ރާއްޖެ ދާން ބުކިންގްސް ހަދާއިފަ ތިބި ފަރާތްތަކުންވެސް، ބުކިންގްސް ކެންސަލްކޮށް އެހެން ޕްލޭނެއް ހެދުމަށް ގޮވާލައްވާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި އޮތް ސަރުކާރަކީ ޣައިރު ޤާނޫނީ ސަރުކާރެއްކަމަށް ވެސް ނަޝީދު ވިދާޅުވި ކަމަށް އެލިޔުމުގައިވެއެވެ.
އެލިޔުމުގައިވާ ގޮތުން ރައީސް ނަޝީދު މި ބަސްދީގަތުން ދެއްވާފައިވަނީ އެމެރިކާގެ ނިއުޔޯކުގައި ހުންނަވައިގެން، އިނގިރޭސިވިލާތުގެ ނޫހެއް ކަމުގައިވާ ”ފައިނޭންޝަލް ޓައިމްސް“ އަށެވެ.
އަދިވެސް އެހެން ނޫހަކުން އެހެން ތާރީޚެއްގައި ރާއްޖޭގެ ޓުއަރިޒަމް ބޮއިކޮޓް ކުރަން ގޮވާލައްވާފައި އޮތް ލިޔުމެއް ދުށީމެވެ. އެއީ 2013 ނޮވެމބަރު 5 ވަނަ ދުވަހު އިނގިރޭސި ވިލާތުގެ ނޫހެއްކަމުގައިވާ ”ދަ ގާޑިއަން“ ގައި ލިޔުއްވާފައިވާ ލިޔުމެކެވެ. އެލިޔުމުގައި ވަނީ ރާއްޖޭގެ އެކްޓިވިސްޓުން ރާއްޖޭގެ ރިސޯޓްތައް ބޮއިކޮޓް ކުރުމަށް ޓްއަރިޒަމް އިންޑަސްޓްރީއަށް ގޮވާލައިފިކަމަށެވެ. މިލިޔުމުގައި ވަނީ އެކްޓިވިސްޓުން ރާއްޖޭގެ ޕޮލިހުންގެ އަނިޔާވެރިކަން ފެންނަ ފޮޓޯތައް ބޭނުންކޮށް ޓްވިޓާގައި ”ވޯލްޑް ޓްރެވަލް މާކެޓް“ ހޭޝްޓެގް ބޭނުންކޮށް ރާއްޖޭގެ ޓްއަރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލަމުންދާ ކަމަށެވެ.
މިފަހަރު މިމީހުން ބޭނުންކޮށްފައި ވަނީ ޕޮލިހުންނާ ކުރިމަތިލާފައި ހުންނަ އެކިއެކި ފޮޓޯތަކެވެ. އެފޮޓޯތައް ބޭނުންކޮށްގެން ރާއްޖެއަށް ޓްއަރިސްޓުން ނައުމަށް ގޮވާލާ ކެމްޕޭނު ކުރި މިދުވަސްވަރަކީ 2013 ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދުވަސްވަރުކަން ފާހަގަކުރެވެއެވެ.
މީގެ މާ ފަހުން 2018 ވަނަ އަހަރުގެ ކުރީކޮޅުގައިވެސް ރާއްޖޭގެ ޓްއަރިޒަމް ބޮއިކޮޓް ކުރުމަށް ޓްވިޓާގައި ގޮވަލާފައިވެއެވެ. އެފަހަރު ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ފަރާތުން ވަނީ އެމައްސަލަ ބަލާދިނުމަށްއެދި ޕޮލިހަށް ވެސް ހުށައަޅައިފައެވެ. އެމައްސަލަ ޕޮލިހަށް ހުށައެޅުއްވުމަށްފަހު، ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ފަރާތުން އެޖަމްޢިއްޔާގެ ނައިބު ރައީސް އިސްމާޢީލް އާސިފް ވިދާޅުވީ “ އަޅުގަނޑުމެންނަށް އެއްވެސް މައްސަލައެއްނެތް ސިޔާސީ އެކިއެކި ފަރާތްތަކުން ވެރިކަން ހޯދުމުގަ މަސައްކަތް ކުރުމުގެ، އެކަމަކު ރާއްޖޭގެ އިޤްތިޞާދަށް ގެއްލުންވާ ގޮތަށް ރާއްޖެ ބޮއިކޮޓް ކުރަން ގޮވާ މިކަހަލަ ކަންކަން ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަން މި ޖަމްޢިއްޔާއިން ބޭނުން“ އާސިފް ވިދާޅުވެފައިވެއެވެ.
ޕިޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމް ވިދާޅުވީ ”ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރިގެން އެމްޑީޕީ ސަރުކާރުން އެކަން މިއަދު ފާހަގަ ކުރާއިރު މާޒީގެ ސަފްހާތައް ބަލާލީމާ އެނގޭ އެންމެ ބޮޑު ޙަޤީޤަތަކީ ދިވެހިރާއްޖޭގެ ޓްއަރިޒަމަށް އެންމެ ބޮޑު ގެއްލުމެއް ދިނީ އެމްޑިޕީކަން“ ޝިޔާމް ވިދާޅުވެފައިވެއެވެ.
އެމްޑީޕީން ވަނީ ރާއްޖޭގެ ޓްއަރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލާ ބައިނަލްއަޤްވާމީ ބޮޑެތި ކެމްޕޭންތައް ކޮށްފައެވެ. އަދި އެންމެ ގިނައިން އެފަދަ ކެމްޕޭންތައް ކޮށްފައިވަނީ 2013 ވަނަ އަހަރާ 2018 ވަނަ އަހަރާ ދެމެދުގައިކަން ފާހަގަކުރެވެއެވެ.
ފަތުރުވެރިކަމަށް ޚާއްސަ ދުވަހެއް ކަނޑައަޅާ ފާހަގަކުރަން ނިންމި މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖޭގައި ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަމުން އައިސްފައިވަނީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަސް ކަމުގައިވާ 27 ސެޕްޓެމްބަރުގައެވެ.
މިއަހަރުން ފެށިގެން ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި 3 އޮކްޓޯބަރު ހަމަޖެއްސެވީ، އެ ތާރީޚަކީ ރާއްޖޭގެ ފުރަތަމަ ރިސޯޓް، ވިހަމަނާފުށީގައި ކުރުނބާ ވިލެޖްގެ ނަމުގައި 1972 ވަނަ އަހަރު ހުޅުވާ ޚިދުމަތް ދޭންފެށި ދުވަހެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް އެކިފަހަރުމަތިން ބަޔަކު މަސައްކަތް ކުރިނަމަވެސް ރާއްޖޭގައި ފަތުރުވެރިކަން ދަނީ އަހަރުން އަހަރަށް ކުރިއަރަމުންކަން ފާހަގަ ކުރެވެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނު އެއް ދައުރަކީ ރައީސް ޔާމީންގެ 5 އަހަރުގެ ދައުރުކަން އަދަދުތަކުން ފާހަގަކުރެވެއެވެ.