އީރާނުގެ ހުއްދަނެތި އެއްވެސް އުޅަނދެއް ހޮރްމޫޒު ހުރަސްނުކުރޭ، އެމެރިކާ އުޅެނީ ގޮތްހުސްވެގެން: އީރާނު
ދެންމެ | 14 އޯގަސްޓް 2026

އީރާނުގެ ހުއްދަނެތި އެއްވެސް އުޅަނދެއް ހޮރްމޫޒު ކަނޑުއޮޅި ހުރަސް ނުކުރާ ކަމަށާއި، އެމެރިކާއިން ފަތުރަނީ ހަގީގަތެއްނެތް ދޮގު ވާހަކަތަކެއް ކަމަށް އީރާނުން ބުނެފިއެވެ.

އީރާނު އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް، ޚާތަމަލް އަމްބިޔާގެ ތަރުޖަމާނު ކާނަލް އިބްރާހިމް ޒުލްފަގަރީ ވިދާޅުވީ، އީރާނުގެ ހުއްދަނެތި އެއްވެސް އުޅަނދަކަށް ރައްކާތެރި ކަމާއެކު ހޮރްމޫޒު ހުރަސް ނުކުރެވޭނޭ ކަމަށެވެ.

އޭނާ ވިދާޅުވީ، އުޅަނދުފަހަރު މިނިވަންކަމާއެކު ހޮރްމޫޒު ހުރަސްކުރަމުންދާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ދޮގު ވާހަކަތައް ފަތުރަމުން ގެންދަނީ، ހޮރްމޫޒު ހުޅުވަން ކުރެވޭނޭ އެއްވެސްކަމެއް ނެތި ގޮތް ހުސްވެގެން ކަމަށެވެ.

އީރާނު އަސްކަރިއްޔާގެ ތަރުޖަމާނު ކާނަލް އިބްރާހިމް ޒުލްފަގަރީ ވިދާޅުވީ، ހޮރްމޫޒު މިހާރު ބަލަހައްޓަނީވެސް އަދި އެ ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީވެސް އީރާނަށް ކަމަށާއި، އީރާނުގެ ބާރުގަދަ އަސްކަރިއްޔާގެ ހުއްދަނެތި އަދި އަސްކަރިއްޔާގެ ބެލުމުގެދަށުން ނޫނީ ވިޔަފާރި އުޅަނދަކަށްވެސް، ތެޔޮ ޓޭންކަރަކަށްވެސް އަދި އެހެން އުޅަނދަކަށްވެސް ހޮރްމޫޒު ހުރަސް ނުކުރެވޭނޭ ކަމަށެވެ.

ކާނަލް އިބްރާހިމް ޒުލްފަގަރީ ވިދާޅުވީ، ސަރަހައްދުގައި ތިބި އެމެރިކާއާއި ޒަޔަނިސްޓު ދުޝްމަނުންގެ ހަރަކާތްތައް އީރާނުގެ ލަޝްކަރުތަކުން ވަރަށް ގާތުން ބަލައި ފާރަލަމުންގެންދާ ކަމަށާއި، އީރާނުގެ ގައުމީ ސަލާމަތަށް ނުރައްކާކޮށް ކިރިޔާ ކަމެއްކުރިޔަސް ރައްދުދޭން ތިބީ ފުރިހަމަ ތައްޔާރީގައި ކަމަށެވެ.

އީރާނުން އެމެރިކާއަށް އަންގާފައިވަނީ، އީރާނުން ހުށަހަޅާފައިވާ ހުރިހާ ޝަރުތުތަކެއް އެމެރިކާއިން ފުރިހަމަ ކުރުމުންނޫނީ ހޮރްމޫޒު ނުހުޅުވޭނޭ ކަމަށެވެ. އީރާނުގެ ޑިމާންޑްތަކަށް އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ދެކޮޅު ހަދާފައެވެ.

އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީ އިހަށްދުވަހުވަނީ އީރާނުގެ އިންގިލާބީ ލަޝްކަރުގެ އިސް މަގާމުތަކަށް ބޮޑެތި ބަދަލުތައް ގެންނަވައި، އެމެރިކާއަށް އެއްވެސް ކަމެއްގައި އީރާނުން ދޫނުދޭނޭކަން ދުނިޔެއަށް ކަށަވަރު ކޮށްދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!