ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ 62 ޕަސެންޓު މަސައްކަތް ނިމިއްޖެ
ދެންމެ | 25 އޯގަސްޓް 2026

ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ 62 ޕަސެންޓު މަސައްކަތް ނިމިއްޖެ އެވެ.

ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން އިސްކަންދޭ އެންމެ ބޮޑު މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއު ކަމަށްވާ ރަސްމާލެ މަސައްކަތް ފެށީ 2024 އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. ސައިޓް އޭ ގެ މަސައްކަތް ފެށީ މި މަހުގެ އެއްވަނަ ދުވަހުގަ އެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާޝިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ހިންގާ ބިން ހިއްކުމުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާ ކަމަށެވެ.

ޖުމްލަ 1,150 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ ދަށުން މިހާރު 716 ހެކްޓަރު ހިއްކާ ނިމި، ރަސްމާލެއަކީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަށް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލެ އާއި ކަނޑުއަޑީގެ ޓަނަލަކުން ގުޅާލާނެ ރަސްމާލެއިން ޖުމްލަ 25،000 ގޯތި ދޫކުރުމަށް ސަރުކާރުން ނިންމާފައި ވެއެވެ. މަރުހަލާތަކަށް ބަހާލައިގެން ބިން ދޫކުރުމަށް ނިންމާފައިވާއިރު ފުރަތަމަ މަރުހަލާގައި ދޫކުރުމަށް ނިންމާފައިވަނީ 15،000 ގޯއްޗެވެ. އެ ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިި، ގިނަ ބަޔަކު ފޯމު ލާފައި ވެއެވެ.

ސަރުކާރުން ބުނެފައިވާ ގޮތުން ފޯމު ހުށަހެޅި ފަރާތްތަކުގެ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ނިމޭއިރު ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް އޮންނާނީ ނިމިފަ އެވެ. ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުން ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަރުހަލާ އަންނަ ޑިސެންބަރު މަހުގެ ނިޔަލަށް ނިމޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!