އެމްޑީޕީ ޗެއަރޕާޝަން އަދި ބަގުރޫޓް ވިޔަފާރިވެރިޔާ ފައްޔާޒު އިސްމާލަށް އެމްޑީޕީ މައި ހަރުގެ ހުޅުވަން މަސައްކަތް ކުރުމުން ގޭގެ ވެރިފަރާތުން އެކަން ހުއްޓުވައި ހުއްދަ ނުދީ ހިފަހައްޓައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީ މައި ހަރުގެ ހަރަކާތްތައް ހިންގުމަށް ރައީސް ސޯލިހްގެ އަމުރަށް ފައްޔާޒު މަސައްކަތް ފެށުމުން ގޭގެ ވެރިފަރާތް ސަފިއްޔާ ޒުބޭރު ވަނީ ރައީސް ނަސީދުގެ ބަހެއް ނެތި ހަރުގޭ ހަރަކާތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފަ އެވެ.
އެމްޑީޕީ މަޖިލިސް މެމްބަރަކު ވިދާޅުވީ ރީކޯ މޫސަގެ މޭސްތެރިކަމުގެ ދަށުން ހަރުގެ ޖަލްސާތައް ބޭއްވުމަށް ހަރުގެ ސާފް ކުރުމަށް މަސައްކަތް ކުރުމުން އެކަން ވެސް ގޭގެ ވެރިފަރާތުން ހުއްޓުވާފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގޭގެ ވެރިފަރާތުން ފައްޔާޒަށް އަންގާފައި ވަނީ ނަސީދަށް އެއްޗެހި ކިޔަން އެތަން ބޭނުން ނުކުރެވޭނެ ކަމަށެވެ.
“ ރައީސް ސޯލިހްގެ އިރުސާދުގެ ދަށުން ފައްޔާޒުގެ ވަނީ ރީކޯ މޫސަގެ މޭސްތިރިކަމުގެ ދަށުގައި ޖަލްސާތައް ބާއްވަން އުޅެފައި. ސާފް ކުރަން މީހުން ވެސް ފޮނުވި. އެހެންނަމަވެސް ސަފިއްޔާ ޒުބައިރު ބުނީ އެތަނުގައި ހުންނާނީ ރައީސް ނަސީދުގެ ތަކެތި ކަމަށް. އެތަނުގައި ރައީސް ނަސީދަށް އެއްޗި ގޮވަން ޖަލްސާ ނުބޭއްވޭނެ ކަމަށް.“ ނަން ނުޖެހުމަށް ސަރުތުކޮށް އޭނާ ބުންޏެވެ.
އެމްޑީޕީ މައި ހަރުގެ ހުންނަނީ މާލޭ އާޓިފިސިއަލް ބީޗް ކައިރީ ބޮޑުތަކުރު ފާނު މަގަށްވާ ގޮތަށެވެ.