- ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިނާ ދެކޮޅަށް އިއްޔެ ތުޅާދޫގައި ހިންގި ޙަރަކާތްތައް ރޭވީ އެމްޑީޕީ އިސްބަޔަކު ތުޅާދޫއަށް ގޮސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ކެމްޕެއިން ކުރެއްވުމަށް ހިސާން އިއްޔެ ތުޅާދުއަށް ވަޑައިގެންނެވުމުން ބަޔަކުމީހުން އެކަމަނާ ފަހަތުން މުޒާހަރާކޮށް، އަޑުގަދަކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯތައް ސޯޝަލް މީޑީއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.
އެކަމާގުޅިގެން ޙިސާން ވިދާޅުވީ ތުޅާދޫ ދާއިރާއަށް އިއްޔެ ވަޑައިގަތުމުން އިޙްތިޖާޖު ކޮށްފައިވަނީ އިދިކޮޅު ޕީޕީއެމްގެ 10 ވަރަކަށް މީހުން ކަމަށެވެ.
ތުޅާދޫގައި ހިންގި ޙަރަކާތްތައް ކުށްވެރި ކުރަށްވަމުން ރޮޒޭނާ މިއަދު ވިދާޅުވީ އެޙަރަކާތް ޕީޕީއެމްއާއެކު ރޭވީ އެމްޑީޕީގެ ގެ ބައެއް އިސް ބޭފުޅުން މާލެއިން ތުޅާދޫއަށްގޮސް ކަމަށެވެ. އަދި އެބޭފުޅުން ބޭނުންވިގޮތަށް ތުޅާދޫގެ އެމްޑީޕީގެ މެންބަރުން މިހަޑިމުޑުދާރު އަމަލުގައި ބައިވެރިނުވިކަމަށްޓަކައި ރޮޒޭނާ ވަނީ ތުޅާދޫ އެމްޑީޕީގެ މެންބަރުންނަށް މަރުހަބާ ދަންނަވާފައެވެ.
ރޮޒޭނާ އިތުރަށް ވިދާޅުވީ ތުޅާދޫ އެމްޑީޕީ މެންބަރުންނަށް ޑިމޮކްރަސީ ދަސްވީއިރު ޕާޓީގެ އިސް ބޭފުޅުންނަށް އެ ވަރުނުވީތީ ހިތާމަކުރާ ކަމަށެވެ. ހަމައެއާއެކު ހިސާންގެ ހިތްވަރުގަދަ ކަމަށްޓަކައި ފަހުރުވެރިވާ ކަމަށްވެސް ރޮޒޭނާ ވިދާޅުވިއެވެ.
“އަދި އެމްޑީޕީގެ އެތެރޭގެ ޚިޔާލްތަފާތުވުމުގެތެރެއިން ވަކިފެކްޝަނަކުން ޚާއްސަކޮށް މިޕާޓީގެ ލީޑަރޝިޕްގައި ތިއްބެވި މަދު އަންހެނުންނަށް އަމާޒުކޮއްގެން ކުރާފުރައްސާރަ، ތަކުރާރުކޮށް ހަރުކަށި އިބާރާތުން ކުއްވެރިކުރަން.” ރޮޒޭނާ ވިދާޅުވެފައިވެއެވެ.
ހިސާން މިއަދު ވިދާޅުވީ އެކަމަނާ މިވަގުތުވެސް ހުންނެވީ ތުޅާދޫގައި ކަމަށެވެ. އަދި އެކަމަނާ ފަހަތުން އިޙްތިޖާޖް ކުރަމުން ހިނގާފައިވަނީ އިދިކޮޅު ޕީޕީއެމްގެ 10 ވަރަކަށް މީހުން ކަމަށް ޙިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ އެތަނުގައި އެމްޑީޕީ ކުއްޖަކު ނެތް ކަމަށާއި ނަމަވެސް އެއްވި މީހުންގެ ޝަކުވާ އަކަށްވީ ޕްރައިމަރީގައި އެކަމަނާ ރައީސް ނަޝީދަށް ތާޢީދު ނުކުރެއްވުން ކަމަށެވެ. އެހެންކަމުން އެކަމާމެދު އެމްޑީޕީ މެންބަރުން ވިސްނެވުމަށް ޙިސާން ވަނީ އެމްޑީޕީ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ޙިސާން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް އޭނާ ތާއީދު ކުރައްވަން ނިންމެވީ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ވެރިކަން ކުރެވޭނެކަން އެމަނިކުފާނު ސާބިތުކޮށް ދެއްވާފައިވާތީ ކަމަށެވެ.