ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ”ވަގަށް“ ގޮވާ އެންވައިމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ ކުރެއްވި ޓްވީޓެއްގެ މައްސަލަ ހޫނުވެއްޖެ އެވެ. މައްސަލަ ހޫނުވެ އޭނާ މަގާމުން ވަކިކުރަން ނިންމައިފި ކަމަށް ”މި“ ނޫހަށް ވަނީ އެނގިފައެވެ.
މުޣުނީ ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ސޯލިހް ދައުލަތުގެ ކުންފުނިތަކުގެ ވެރިންނަށް އައްޔަން ކޮށްފައިވަނީ އެ ކުންފުނިތައް ހިންގުމުގެ އެއްވެސް ގާބިލުކަމެއް ނެތް ކޮރަޕްޓުވެފައިވާ ޓީމެއް ކަމަށެވެ. ރައީސްގެ ނަން ގެންދެނީ ކުޑައިމީސް ކުރައްވާފައެވެ. ރައީސްގެ ނަންފުޅުގެ ކުރިއަށް ”ވަގު“ ވެސް ލިޔުއްވާފައެވެ. އެހެން ވިދާޅުވެ ސަރުކާރުގެ ކުންފުނިތަކުގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ނަންތައް ވިދާޅުވެ އެއީވެސް ”ވަގުން“ ކަމަށް ސިފަކޮށްފައިވެއެވެ.
އެ ޓްވީޓް އޭނާ ފަހުން ވަނީ ޑިލީޓްކޮށްފައެވެ. ނަމަވެސް އޭރު އެތައް ބަޔަކަށް އެ ޓްވީޓް ފެނި ސްކްރީންޝޮޓް ހަދާފައިވެެއެވެ.
ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރަކަށްވެސް ހުންނެވި މުޣުނީގެ މި ޓްވީޓާއި ގުޅިގެން ރައީސް ސޯލިހްގެ ސަޕޯޓަރުން ވަނީ އޭނާއާ ދިމާކޮށްލާފައެވެ. އަދި ވަގުތުން އޭނާ މަގާމުން ދުރުކުރުމަށް ރައީސް ސޯލިހަށް ގޮވާލާފައިވެއެވެ.
އެނގިފައިވާ ގޮތުގައި އެއްވެސް މަސްއޫލިއްޔަތެއް ނެތް ގޮތުގައި ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުޣުނީ މަގާމުން ވަކިކުރެއްވުމަށް ރައީސް މިހާރު ވަނީ ނިންމަވާފައެވެ. ވަރަށް އަވަހަށް އެ ނިންމުން ރަސްމީ ކުރައްވާ މުޣުނީ ގެއަށް ފޮނުއްވާލާނެ ކަމަށް އެނގިފައިވެއެވެ.
ކުރީން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުޣުނީ އެންވާރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވި ނަމަވެސް މަސައްކަތުގެ އެއްވެސް މެންޑޭޓެއް އޭނާއަށް ހަވާލު ކުރައްވާފައެއް ނުވެއެވެ.
”މުޣުނީގެ މައިގަނޑު އެއްވެސް ޒިންމާއެއް މަސްއޫލިއްޔަތެއް ނެތް. އެހެންވީމަ ގިނަ ދުވަސް ދުވަހު ކާޑު ޖައްސަވާފައި ދެން ވަޑައިގަންނަވާނީ،“ ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.