މިގޮތުން 1978 ވަނަ އަހަރުންފެށިގެން 2008 ވަނަ އަހަރާ ހަމަޔަށް ވެރިކަން ކުރެއްވުމަށްފަހު ވެރިކަމާއި ދުރައް ވަޑައިގެން ވެސް އެމަނިކުފާނު މަސައްކަތް ކުރެއްވީ ސިޔާސީ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ޑީއާރުޕީއާއި ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމަށްފަހު، އެކިފަހަރުމަތިން ދިމާވި މައްސަލަތަކުގައި އަމިއްލަ ފުޅަށް ޕާޓީއެއް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ނަމުގައި އުފައްދަވާ މަސައްކަތް ހުއްޓާ ނުލައްވާ ކުރިއަށް ވަޑައިގަތެވެ.
ނަމަވެސް މިހާ ހިސާބަށް ރައީސް މައުމޫނަށް ދެވުނުއިރު އެކި ދަރިން މަސައްކަތްކުރެއްވީ އެކި ދިމަދިމާލުގައެެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް ނޫސްތަކުގެ ހެޑްލައިންތަކުން އެންމެ ތަފާތު ކަމެއްގެ ގޮތުގައި ފެނުގެންދިޔައީ އެމަނިކުފާނުގެ ދަރިކަލުންނާއި ދަރިކަނބަލުންގެ ސިޔާސީ ހަޔާތް ބައްޓަން ކުރައްވާ ގޮތެވެ.
ކަންމިހެން އޮތް އިރު ސީއެންއެމްޓީވީގެ އިތުރުކާފް ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ މައުމޫން ވިދާޅުވެފައިވަނީ ކާނަލް ނާޒިމް ވެރިކަމަށް ގެންނަން ޖެހެނީ ގާބިލް ތައުލީމީ ހުނަރުވެރި ބޭފުޅަކަށް ވާތީ ކަމަށެވެ.
ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫނު ރައީސް ސޯލިހަށް ދާއިތު ކުރައްވާކަން ހާމަ ކުރައްވާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ޤައުމުގެ ހަމަޖެހުމާއި ތަރައްގީއަށް ރައީސް ސޯލިހަށް ދެ ވަނަ ދައުރަކަށް އިންތިހާބުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެ ކަމަނާ ގަބޫލު ކުރައްވާ ގޮތުގައި ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދޭން މި ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތްތަކާއި މަޝްރޫއުތައް ކުރިޔަށް ގެންދިޔުން މުހިންމު ކަމަށެވެ.
މިހާ ހިސާބުން ގައްސާން މައުމޫނުގެ ވާހަކަފުޅަށް ބަލާލަމާ ހިނގާށެވެ. އެބޭފުޅާގެ ވާހަކަފުޅުވެސް ބައްޕާފުޅުގެ ހިޔާލުފުޅާއި ވަރަށް ތަފާތެވެ. ގައްސާން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ފޫގަޅައިގެން ވެސް މި ނުކުތީ ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމަށް އިންތިހާބު ކުރައްވަން ކަމަށެވެ. ގައްސާން މައުމޫން އަކީ ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ.
ގައްސާން ފާހަގަ ކޮށްފައިވަނީ ރައީސް ޔާމީނަކި ވައުދު ފުއްދާ ވައުދުވާ ރައްޔިތުންދެކެ ލޯބިވާ ރައީސެއް ކަމަށާއި، އެބޭފުޅުން ތިބީ ޕީޕީއެމް/ޕިއެންސީ ގެ ކެންޑިޑޭޓް ކަމަށް މުއިއްޒު އާއި، ހުސެއިން މުހައްމަދު ލަތީފު ވެރިކަމަށް ގެނައުމަށް ނިންމާއިފައި ކަމަށެވެ.
ޕީޕިއެމްގެ ބިޔަ ލަޝްކަރު މިތިބީ އެގޮތަށް ކަމަށާއި، އިރާދަ ކުރެއްވިއްޔާ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ގައްސާން ވިދާޅުވިއެވެ.
އެއްބަނޑުއެއްބަފާ ހަތަރު ބޭފުޅުންގެ މިސްރާބު މިހުރީ އެކި ދިމަދިމާލުގައެވެ.
Report: Cnm