އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙަކީ ޓްރައިޑް އެންޑް ޓެސްޓެޑް ޕްރޮޑަކްޓްއެއް ކަމުން އެމަނިކުފާނަށް ވޯޓުދެއްވުމަށް އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންގެ މަޖްލީހުގެ މެންބަރ ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން އުފާވެރި މާލެ ކެމްޕޭން ޖަލްސާ ނަމުގައި ރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ރައީސް ޞާލިޙު ވަނީ ޤައުމަށް ވަރަށް ބައިވަރު ހެޔޮ ބަދަލުތައް ގެނެސްދެއްވާފައި ކަމަށެވެ.
”މިއީ ޓްރައިޑް އެންޑް ޓެސްޓެޑް ޕްރޮޑަކްޓްއެއް، ޕާސްޑް ވިތް ފްލައިންގ ކަލަރސް“ ރައީސެއްގެ ގޮތުގައި ރައީސް ޞާލިޙު ފާސްވެފައިވަނީ އެންމެ މަތީ ނަތީޖާއިން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
އަދި ހަމައެއާއިއެކު، ކުރީގެ ސަރުކާރުން އަންހެން ބޭފުޅުންގެ އިހުސާސްތައް ދެނެވަޑައިނުގަންނަވާ ކަމަށާއި ކުރިއަށް އޮތް ފަސް އަހަރަށް އެމްޑީޕީން ތައްޔާރުކުރި މެނިފެސްޓޯގައި އަންހެނުން އެދުނު ކަންތައްތައް އެކުލަވާލާފައި ވާނެ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އެގޮތުން، އަންހެނުން ކުޅެން ދަނޑުތައް ނެތުމާއި ދަރިމައި ވުމުގެ ދަތިތައް ދިމާވާ އަންހެނުންނަށް ބޭސްފަރުވާ ކުރުމަށް އާސަންދަ ނުލިބޭކަން އަންހެން ބޭފުޅުން ދެންނެވުމުން، މެނިފެސްޓޯގައި އެކަންތައްވެސް ހިމަނާފައިވާ ކަމަށް ރޮޒެއިނާ ހާމަކުރެއްވިއެވެ.
ރޮޒެއިނާ ވިދާޅުވީ ޕީޕީއެމް ވެރިކަމުގައި އަންހެން ޤާޟީއެއް އެހެން ހިސާބަކަށް ވަޒީފާ ޓްރާންސްފާ ކޮށްގެން އޭނާގެ ދަރިފުޅާއި ދުރުކުރުމުން ކުރާނެ އިހުސާސްތައް ނޭނގުނު ކަމަށެވެ. އެހެންވީމާ، އެފަދަ ބަޔެއްގެ ވެރިކަމުގައި އަންހެން ބޭފުޅުންގެ އިހުސާސުތައް ދެނެގަންނާނީ ކިހިނެއްކަން ރޮޒެއިނާ ފާހަގަކުރެއްވިއެވެ.
މި މޭރުމުން ވާހަކަދައްކަވަމުން، ރޮޒައިނާ ވިދާޅުވީ މި ސަރުކާރުން އަންހެނުންނަށް މަތީ ތައުލީމުގެ ފުރުސަތާއި ވިޔަފާރިކުރުމުގެ ފުރުސަތުގެ އިތުރަށް ސިޔާސީ ދާއިރާއަށް ނިކުތުމުގެ ފުރުސަތުވެސް ފަހިކޮށްދީފައިވާ ކަމަށެވެ. ވިހެއުމުން ދޭ ޗުއްޓީވެސް ހަ މަސް ދުވަހަށް އިތުރުކުރީވެސް މި ސަރުކާރުން ކަން އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.