ހުވަދޫ މަސްވެރިންގެ އުންމީދުތައް ހަގީގަތަކަށް ހައްދަވާނެ ކަމަށާއި ސީދާ ހުވަދޫއިން ރާއްޖޭން ބޭރުގެ މާކެޓްތަކަށް މަސްބޭރު ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައި އެކަން ތަންފީޒު ކުރައްވާނެ ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓިކް ޕާޓީގެ އިގްތިސާދީ ސިޔާސަތުތައް ހާމަކުރެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އިލްޔާސް ވިދާޅުވީ މުޅި ހުވަދޫގެ ތަސައްވުރު ބަދަލުކޮށްލާނެ ކަމަށާއި މުލި ދުނިޔެއަށް ހުވަދޫގެ މަސްވެރިކަން ގުޅުވާލައްވާނެ ކަމަށެވެ. އިލްޔާސް ވިދާޅުވީ ހުވަދޫއަށް އިންޓަރނޭސަނަލް އެއަރޕޯޓަކާއި ކަނޑުގެ ބަދަރެއް ބޭނުންވާ ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި އެކަން ކުރައްވާނެ ކަމަށެވެ.
އަދި ދުނިޔޭ އެކިއެކި މަންޒިލްތަކާއި ސީދާ ހުވަދުއާއި ގުޅާލާނެ ކަމަށް އިލިޔާސް ވިދާޅުވިއެވެ. އިލްޔާސް ވިދާޅުވީ ހުވަދޫ އިންޓަރނޭސަނަލް އެއަރޕޯޓް މެދުވެރިކޮށް ހުވަދު އާއި ކައިރި ހުރިހާ އަތޮޅެއް ސީޕްލޭންތަކުން ގުޅާލައްވާނެ ކަމަށެވެ.