ފޯނަށް ދެވިހިފާފައިވާ މީހަކު އިނގޭ ތަ!
ދެންމެ | 29 އޭޕްރިލް 2024

ޓެކްނޮލޮޖީގެ މި ޒަމާނުގައި ސްމާޓް ފޯނަށް ދެވި ހިފާފައިވާ މީހުން ދަނީ އިތުރުވަމުންނެވެ. އެޑިކްޝަން ސެންޓަރުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައިވާ ގޮތުން، ސްމާޓް ފޯނު ބޭނުންކުރާ 3.8 މިލިއަން މީހުންގެ ތެރެއިން، 6.3 އިންސައްތަ މީހުން ވަނީ ފޯނަށް ދެވި ހިފާފައެވެ.

މިކަމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ތެރޭގައި ނިދުން މަދުވުމާއި، އެކަނިވެރިކަން އިހުސާސް ކުރެވުމާއި، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވުންފަދަ ކަންކަން ހިމެނެއެވެ.

 

ފޯނަށް ދެވި ހިފާފައިވާކަން އެނގޭނީ ކިހިނެއް؟

މިލިޔުމުގައި މި ހިމަނާލަނީ ފޯނަށް ދެވި ހިފުމުގެ ބައެއް އަލާމާތްތަކެވެ. ތިބާ ގިނަ ވަގުތު ފޯނު ބޭނުން ކުރާކަން ފާހަގަކޮށް، އާއިލާއާއި ގާތް ރައްޓެހިން ކަންބޮޑުވުންފާޅު ކުރާނަމަ، އެއީ ތިބާ ފޯނަށް ދެވި ހިފާފައިވާ ކަމުގެ ނިޝާނެކެވެ.

އަދި ފޯނު ބޭނުން ކުރުމުގެ ސަބަބުން، ވަޒީފާ ނުވަތަ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަށްވެސް ބުރޫ އަރާނަމަ، ފޯނު ބޭނުން ކުރުމުގައި ދެވި ހިފާފައިވާ ކަމަށް ބެލެވިދާނެެއެވެ.

ފޯނު ބޭނުން ނުކުރާ ވަގުތުތަކުގައި ތިބާއަށް އުނދަގޫވުމާއި، ސްމާޓް ފޯނު ފަދަ އިތުރު ޑިވައިސްތައް ބޭނުން ނުކޮށް ގިނައިރު ނުހުރެވުމަކީވެސް ފޯނަށް ”އެޑިކްޓް“ ވެފައިވާކަން އަންގައިދޭ ކަމެކެވެ.

މީގެ އިތުރުން ރޭގަނޑު ނުނިދާ ފޯނާ ކުޅެން އޮތުމާއި، ފޯނު ބާއްވާފައި ނިދަން ބޭނުން ނުވުމަކީވެސް ތިބާ ފޯނު ބޭނުން ކުރުން ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާކަން އެނގޭނެ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!