އަންދާޒާކުރި މިންވަރަށް މިއަހަރު ރާއްޖޭގެ އިގުތިސާދު ކުރިނާރާނެކަން ހާމަވެއްޖެ
ދެންމެ | 12 ޖުލައި 2024

އަންދާޒާކުރި މިންވަރަށް މި އަހަރު ރާއްޖޭގެ އިގުތިސާދު ކުރިނާރާނެކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ، ފިނޭންސް މިނިސްޓްރީން ޝާއިއުކޮށްފައިވާ މެކްރޯ-އިކޮނޮމިކް އަޕްޑޭޓު ރިޕޯޓުންނެވެ.

ރިޕޯޓުން ހާމަވާ ގޮތުގައި، ރިއަލް ޖީޑީޕީ ނުވަތަ އިންފްލޭޝަނަށް އަންނަ ބަދަލާ އެއްހަމަވާ ގޮތަށް ގައުމީ އުފެއްދުންތެރިކަން މި އަހަރު ކުރިއަރާނީ 4.9 އިންސައްތައިންނެވެ. މި އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުގައި ރިއަލް-ޖީޑީޕީ 5.8 އިންސައްތައިން ކުރިއަރާނެއެވެ.

ރިޕޯޓުގައި ބުނެފައިވަނީ 2023 ވަނަ އަހަރު އިގުތިސާދު ކުރިއަރާނެކަމަށް ލަފާކުރި މިންވަރަށް ކުރިއަރާފައިނުވާ ކަމަށެވެ. ނިމުނު އަހަރާއި މި އަހަރު ޖީޑީޕީގެ ކުރިއެރުން މަޑުޖެހުނު ސަބަބުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ބެޑް ނައިޓުތައް ދަށްވުން ރިޕޯޓުގައި ފާހަގަކުރިއެވެ.

2024 ވަނަ އަހަރުގެ ބަޖެޓުގައި އަންދާޒާކުރި މިންވަރަށްވުރެ ކުޑަކޮށް އިގުތިސާދު ކުރިއަރާނެކަމަށް މިހާރު ލަފާކުރާ ސަބަބުތަކުގެ ތެރޭގައި މުހިއްމު ސިނާއަތްތައް ކުރިން ލަފާކުރެވުނު މިންވަރަށް ކުރިނޭރުމާއި، މާލީ އިސްލާހީ ފިޔަވަޅުތައް ހިމެނެއެވެ.

އިގުތިސާދީ ކުރިއެރުން މަޑުޖެހޭނެކަމަށް ބެލެވޭ ސަބަބުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ސަބަބަކީ ގައުމީ އުފެއްދުންތެރިކަމަށް ފަތުރުވެރިކަމުގެ ސިނާއަތުން ކުރާ ހިސާ ނުވަތަ ގްރޮސް ވެލިއު އެޑިޝަން އަންދާޒާކުރި މިންވަރަށްވުރެ ކުޑަވުމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!