ރާއްޖޭގެ ’އުފާވެރިކަމުގެ މިންގަނޑު‘ ނުވަތަ ’ހެޕިނަސް އިންޑެކްސް‘ ހިސާބުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ވީ ކިހިނެއް؟ – އެކަން އިއުލާނު ކޮށްފައިވަނީ ލޯކަލް ގަވަމެންޓް މިނިސްޓްރު އާދަމް ޝަރީފް އުމަރު މިއަދު ’އެކްސް’ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ބުނީ ކީކޭ؟ – އެ ޕޯސްޓުގައި މިނިސްޓަރު ވިދާޅުވީ، ރިސާޗް ޕާޓްނަރެއްގެ ގޮތުގައި ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) ހިމަނައިގެން ގައުމުގެ ’އުފާވެރިކަމުގެ މިންގަނޑު‘ އެކުލަވާލަން މަސައްކަތް ފެށުނީތީ ވަރަށް އުފާކުރައްވާ ކަމަށެވެ.
އަދި، މި އިންޑެކްސް އެކުލަވާލާނެ ގޮތާމެދު މަޝްވަރާކުރަން މިއަދު އައިޔޫއެމްގައި ބޭއްވުނު ވޯކްޝޮޕްގައި އެކި ނަޒަރުން ގިނަ ހިޔާލުތަކެއް ބަދަލުކުރެވިގެން ދިޔަކަން ފާހަގަކުރެއްވި އެވެ.
އެނގުން މުހިއްމު – ގައުމެއްގެ ’ހެޕިނަސް އިންޑެކްސް’އަކީ އެގައުމެއްގައި ދިރިއުޅޭ މީހުންގެ އުފާވެރިކަމާއި ދިރިއުޅުމާ މެދު ހިތްހަމަޖެހޭ މިންވަރު މިންކުރާ ސާވޭ އެކެވެ. މި އިންޑެކްސް ހިސާބުކުރުމުގައި އާންމުގޮތެއްގައި ބަލައި އުޅެނީ ދިރިއުޅުމުގެ ދިހަ ދާއިރާއަކަށެވެ. އެއީ:
ނަފްސާނީ ދުޅަހެޔޮކަން
ޖިސްމާނީ ދުޅަހެޔޮކަން
ދިރިއުޅުމުގެ ހުރިހާ ދާއިރާއަކަށް ވަގުތު ދެވޭ މިންވަރު
ކަންކަން ދަސްކުރުމަށާއި ފަންނުވެރިކަމާއި ސަގާފީ ކަންކަން ކުރުމަށް ފުރުސަތު ލިބުން
މުޖުތަމުއުގެ ގުޅުން
އިޖުތިމާއީ އެހީތެރިކަން
ތިމާވެއްޓާ ގުޅުން އޮންނަ މިންވަރު
ސަރުކާރާ މެދު ދެކޭ ގޮތް
ދިރިއުޅުމުގެ ފެންވަރު
ކުރާ މަސައްކަތުން ހިތްހަމަޖެހުން ލިބޭ މިންވަރު
މިހާތަނަށް ރާއްޖެއަށް ހާއްސަކޮށް އުފާވެރިކަން މިންކުރާ އިންޑެކްސްއެއް ހެދިފައެއް ނުވެ އެވެ.