ދަޢުލަތަށް ލިބެންޖެހޭ 15 ބިލިއަން ރުފިޔާ ހޯދުން ނޫން ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ދަޢުލަތަށް ލިބެންޖެހި ނުލިބިހުރި ޢާމްދަނީގެ ތަފްސީލުތައް މީސް މީޑިއާގައި މިއަދު ޙިއްސާ ކުރަށްވަމުން މެންބަރު ނާޒިމް ވިދާޅުވީ އެ ހިސާބުތަކަކީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ހިއްސާކޮށްފައިވާ ހިސާބުތަކެއް ކަމަށެވެ.
ނާޒިމް ޙިއްސާ ކުރެއްވި ހިސާބުތައް ދައްކާގޮތުން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ 7.76 ބިލިއަން ރުފިޔާ ނުދައްކައި އެބަ އޮތެވެ. އަދި އެހެނިހެން ގޮތް ގޮތުން ދައްކަން ޖެހި ނުދައްކައި އޮތް 7.68 ބިލިއަން ރުފިޔާ އާއެކު ދައުލަތަށް ޖުމްލަ 15.4 ބިލިޔަން ރުފިޔާ ނުލިބި އެބަ އޮތެވެ.
ނާޒިމް ވިދާޅުވީ މިކަމުގައި ދެވަނަ ގޮތެއް ނެތް ކަމަށާއި އެ ފައިސާ ހޯދަންޖެހޭނެ ކަމަށެވެ. އަދި އަންނަ އަންގާރަދުވަހު މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މީރާގެ ފަރާތުން އެފައިސާ ހޯދުމަށް ކޮށްފައިވާ މަސައްކަތްތައް އޮޅުން ފިލުއްވާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް މި މޭރުމުން ވިދާޅުވެފައިވާއިރު ރޭ ބޭއްވި މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ރިސޯޓުތަކާއި ވިޔަފާރިތަކުން ބިމު ކުއްޔާއި ޓެކުހުގެ ގޮތުގައި ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 13 ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.
އެހެންކަމުން ސަރުކާރުގެ ވިސްނުން ހުރީ ކޯޓަށް ގޮސްގެން ވިޔަސް އެ ފައިސާ ހޯދުމަށް ކަމަށާއި އެފައިސާ އެކަނި ހޯދިޔަސް ދަޢުލަތުގެ ދަރަނީގެ މައްސަލަ ޙައްލުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ފައިސާ ހޯދަން ސިޓީ ފޮނުވަން ފަށާފައިވާ ކަމަށާއި މިދިޔަ ހަފުތާގައިވެސް ބައެއް ފަރާތްތަކުން ފައިސާ ދައްކާފައި ވާކަމަށް ރައީސް ވިދާޅުވި އެވެ. އަދި ލިބެން ހުރި އެ ފައިސާގެ ދެބައިކުޅަ އެއްބައި ކޯޓަށް ނުގޮސް ލިބޭނެ ކަމަށް ގަބޫލު ކުރަށްވާ ކަމަށް ރައީސް ރޭ ވިދާޅުވި އެވެ.