ރާއްޖެ މިހާރު މިއޮތީ މީހަކު ވެރިކަމަށް އަންނަން ބޭނުންވާ ހިސާބަކު ނޫންކަމަށާއި، ރާއްޖޭގެ ވެރިކަމަށް ގެންނަންވީ ފަރަންޖީއެއް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ ރޭގައި ބޭއްވި ޕީއެންސީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިގޮތުން ރައީސް ޔާމީން ވިދާޅުވީ، ކިޔަވައިގެން ތިބި ދިވެހިންގެ ބޭނުން ހިފަން އެއަށް ވުރެން މަތީގައި ތިބި ސިޔާސީ ވެރިންނަށް ނޭގެންޏާ އެއީ ކިޔަވައިގެން ތިބި މީހުންގެ މައްސަލަކަމެއް ނުވަތަ، ސިޔާސީ ވެރިންގެ މައްސަލަ ކަމެއް އޮޅުން ނުފިލާ ކަމަށެވެ.
Advertisement
އެ ހުރިހާ ސިޔާސީ ބޭފުޅުންވެސް 6 މަސް ދުވަހަށް ’އެލް ބޯޑު‘ ޖަހައިގެން އިތުރަށް ކިޔަވަން ދާން ޖެހޭކަމާއި މެދު ވެސް ރައީސް ޔާމީން ވަނީ ސުވާލުއުފައްދާފައެވެ.
”އެންމެ ގިނައިން އަންނަ ޝަކުވާތަކު ތެރޭގައި މި އަންނަނީ މިތަނުގަ މިތިބީ ހައްތާހާވެސް ވެރިކަން ބޭނުންވާ (މީހުންނޭ) ސުބްހާނަالله، މިހާރު ދިވެހި ރާއްޖެ އޮތީކީ މީހަކު ވެރިކަން ބޭނުންވެގެން އަންނަ ހިސާބަކު ނޫން. މިހާރު ދެންމެ ހުސައިން ވަހީދު ވިދާޅުވިގޮތަށް ވެރިކަމަށް އަޅުގަނޑުމެން ފަރަންޖީއެއް ގެންނަންވީ މިތަން ހިންގައިދޭން. އެއީ ނޫންތޯ.. ހުރިހާ ކަމެއް މިހާރު ފަރަންޖީން އެކުރަނީ. އެކަމަކު މީގެ ކުރީގައި މިކަހަލަ ހުރިހާ ތަނެއްގައި ތިބީ ދިވެހިންނޭ އިނގޭތޯ؟“
ރައީސް ޔާމީން ވިދާޅުވިއެވެ.
ޕީއެންއެފްގެ ޖަލްސާތަކުގައި ސަރުކާރާއި ގުޅުން ހުރި އެތައް ވާހަކަތަކެއް ދައްކަައި، ސަރުކާރަށް ފާޑުކިޔާއިރު، ރޭގެ ޖަލްސާގައި ވެސް ރައީސް ޔާމީން ވަނީ ސަރުކާރާއި ގައުމާއި ގުޅުން ހުރި އެތައް މައުޟޫއަކަށް ވާހަކަފުޅު ދައްކަވަައި ފާޑު ވިދާޅުވެފައެވެ.
އެހެންނަމަވެސް، ޔާމީން ވިދާޅުވީ މި ސަރުކާރު ވައްޓާލަން ބޭނުން ނުވާ ކަމަށާއި ބަޔަކު ކުރާ އެ ފަދަ މަސައްކަތެއްގައި ބައިވެރި ވެސް ވެވަޑައިނުގަންނަވާނެ ކަމަށެވެ.