ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯއަށް ދެ ނަމެއް ލިބިއްޖެ: ސައީދު
ދެންމެ | 03 އޯގަސްޓް 2024

މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކްގެ ގަވަނިން ބޯޑުގައި ސަރަހައްދީ ފެންވަރު ފާހަގަކޮށްލެވޭ ފަރާތްތައް ތިބޭނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކު އުފައްދާވާފައި ވަނީ މޭމަހުގެ 16 ވަނަ ދުވަހުއެވެ. އެ ބޭންކު އުފެއްދުމަށް ލައިސަންސް ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، (އެމްއެމްއޭ) އަށް އިކޮނޮމިކް މިނިސްޓްރީން ހުށައެޅީ މިދިޔަ މަހުގެ 28 ގައެވެ.

5 ވަނަ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީޑިވެލޮޕްމެންޓް ބޭންކުގެ ލައިސެންސް ވަރަށްް އަވަހަށް ލިބޭނެކަމަށެވެ. އެ ބޭންކިގެ ގަވަނިން ބޯޑުގައި ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ބޭފުޅުން ތިބިކަމަށެވެ. އަދި އެ ބޭންކަށް ސީއީއޯ ހަމަޖައްސަން މަސައްކަތް ކުރަމުން އަންނައިރު ދެ ނަމެއް މިހާރު ލިބިފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

 

”ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް“ ގެ ނަމުގައި މި ބޭންކު ދިވެހި ސަރުކާރުގެ 100 އިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައެވެ.

”ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް“ އަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާޢީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެއްކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ކުންފުނި އުފެއްދުމުގެ އިތުރު މުހިއްމު ބޭނުންތަކުގެ ތެރޭ ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުންވެސް ހިމެނޭކަމަށް ރައިސް އޮފީހުން ބުނެއެވެ.

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ރަޖިސްޓްރީ ކުރެވިފައިވާ އެޑްރެހަކީ، މިނިސްޓްރީ އޮފް ފިނޭންސް، އަމީނީމަގު، 20379، މާލެ، ދިވެހިރާއްޖެއެވެ.

ޑިވެލޮޕްމެންޓް ބޭންކާ އެކު ރާއްޖޭގެ ތާރީހު ބަދަލު ކުރެވޭނެކަން ފާހަގަކުރައްވާ ސައީދު ވިދާޅުވެފައި ވަނީ ސަރުކާރުގެ އިތުރުން އަމިއްލަ ކުންފުނިތަކާ އެކު ކުރާ މަސައްކަތުން އެ ބޭންކުގައި އިންވެސްޓް ކުރާނެ އިންވެސްޓަރުންގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށެެވެ.

ޑިވެލޮޕްމެންޓް ބޭންކަކާއި އޮފްޝޯ ބޭންކިންގެ ހިދުމަތް ހިމެނޭހެން ރާއްޖޭގައި މާލީ ސިނާއަތެއް ތަރައްގީ ކުރުމަށް މިދިޔަ ޖެނުއަރީ މަހު ”މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ“ ގެ ނަމުގައި އިދާރާއެއް ވަނީ އުފައްދާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!