އޭނާއަކީ ނުކިޔަވާހުރި މީހަކަށްވިޔަސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި މިއަދުހުރީ އޭނާ ކަން ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީއެންސީން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދަށާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްއަށް ލިބިފައިހުރި އިލްމެއް ބޭނުންނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެ ދެ ބޭފުޅުންނަށް ލިބިފައިހުރި އިލްމަކުން ރައްޔިތުންނާއި ގައުމަށާއި އަދި އެ ދެ ބޭފުޅުންނަށް ވެސް ފައިދާއެއް ނުކުރާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އެހެންކަމުން އިލްމަކީ ކޯއްޗެއްތޯ އޭނާގެ ހިތަށް އަރާވަޑައިގަންނަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
“މިއަދު ރުޅިއަޔަސް ހިނައަޔަސް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކީ އަޅުގަނޑު” ޕޯޑިއަމްގައި އަތް ޖެހުމަށްފަހު އަބްދުއްރަހީމް ވިދާޅުވި އެވެ.
މަޖިލީހުގެ މަސައްކަތެއް ނުކުރާ ކަމަށް ވިދާޅުވެ ޖަމީލުއާއި މަލީހު ވާހަކަދައްކަމުންދާ ކަމަށާއި ނަމަވެސް އެ ދެ ބޭފުޅުންނަކީ މަޖިލިސް ހިނގާ ގޮތް ދެނެވަޑައިގަންނަވާނެ ބޭފުޅުން ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެ ދެ ބޭފުޅުންނަކީ މަޖިލިސް އިންތިހާބުގައި ވާދަކޮށް ބަލިވި ދެ ބޭފުޅުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަދި އެއީ ދުވަހަކު ވެސް މަޖިލީހަށް ވަދެވަޑައިގެންނެވި ދެ ބޭފުޅުން ނޫން ކަމަށާއި ރައްޔިތުން އެ ފުރުސަތު ދެއްވާފައިނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި މިއަދު ހުންނެވީ ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. ބައެއް މީހުންގެ ހިތަށް ތަދުވެގެން ދެއިރު ދެދެޅަށް ޖަލްސާ ބޭއްވިޔަސް އެ ހަގީގަތް ބަދަލުނުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޕީޕީއެމް/ޕީއެންސީގެ ސިޔާސީ ފިކުރާއި ރައީސް މުއިއްޒުގެ ސަރުކާރާ ދުރަށް ޖެހިވަޑައިގަތުމުން، ރައްޔިތުންގެ ތާއީދު ގެއްލި ޔާމީނަށް ޖެހިވަޑައިގަންނަވާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމަށް ޖެހުނު ހާލު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައްޔިތުން ދަނީ ފިކުރުގެ ފަހަތުން ކަމަށާއި މީހާ ފަހާ ރައްޔިތުން ނުދާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ރާއްޖޭގެ ތިންވަނަ ފިކުރެއް އުފެދިކުރި ނާރާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ޔާމީން 2013 ގައި ވެރިކަމަށް ވަޑައިގެންނެވިއިރު އެ މަނިކުފާނުގެ އެއްވެސް އެކައުންޓެއްގައި އެއްލައްކަ ރުފިޔާ ވެސް ނުހުންނާނެ ކަމަށެވެ. ނަމަވެސް ވެރިކަމުން 2018 ގައި ފައިބައިވަޑައިގެންނެވިއިރު އެކައުންޓުގައި 500 މިލިއަން ރުފިޔާ ހުރި ކަމަށާއި އެއީ ކޮންތަނަކުން ޔާމީން ހޯދި ފައިސާއެއްތޯ އަބްދުއްރަހީމް ސުވާލު ކުރެއްވި އެވެ