އުފުލުނު ރިހާކުރުގެ އަގު ވެއްޓިއްޖެ
ދެންމެ | 17 އޯގަސްޓް 2024

ރާއްޖޭގައި މަސްވެރިކަން ދަށްވެ، އަގު އުފުލުނު ރިހާކުރު ފުޅިއެއްގެ އަގު 300 ރުފިޔާއަށް ދަށްވެއްޖެއެވެ.

ބާޒާރުގައި މީގެކުރިން ރިހާކުރުގެ އަގު އުޅެނީ 110 އަކާއި 190 އާ ދެމެދުގައެވެ. ނަމަވެސް މަސް ލިބުން ދަތިވުމާ ގުޅިގެން ރިހާކުރި ފުޅިއެއްގެ އަގު 390 ރުފިޔާއަށް ބޮޑުވިއެވެ.

އެކަމާ ގުޅިގެން ރިހާކުރު ހެދުމަށް މަޝްހޫރު މ.ވޭވަށު، އަބްދުﷲ ފައިސަލް މިއަދު ބުނީ، ރިހާކުރު ފުޅިއެއްގެ އަގު ކުރިން ހުރި އަގަށްވުރެ ދަށްވެފައިވާ ކަމަށެވެ.

އެގޮތުން، މިހާރު ރިހާކުރު ފުޅިއެއްގެ އަގު ހުރީ 300އާއި 280 ރުފިޔާ އާ ދެމެދުގައި ކަމަށް ފައިސަލް ބުންޏެވެ.

”ދެން ހިއެއް ނުވޭ ކުރީ އަގަށް ދަށްވެގެންދާނެ ހެނެއް. ޑިމާންޑާ އެއްވަރަށް ނޫފެއްދެންޏާ ވާނެގޮތަކީ ކޮންމެ އެއްޗެއްގެ ވެސް އަގު އަރާނެތާ،“ އޭނާ ބުންޏެވެ.

އިތުރަށް ފައިސަލް ބުނީ، އާންމުންގެ މެދުގައި ރިހާކުރަށް އޮންނަ ޑިމާންޑުބޮޑު ކަމަށާއި ޑިމާންޑާ އެއްވަރަށް ރިހާކުރު ނުއުފެއްދޭ ކަމަށެވެ.

ރިހާކުރުގެ އަގުތައް ދަށްނުވެގެން އުޅެނީ، މަސްކައްކާ މީހުން މަދުވެ ރިހާކުރު އުފައްދާ މީހުން މަދުވުމުން ކަމަށާއި އެހެންވެ ކުރިން ހުރި އަގުތަކަށް ރިހާކުރު ފުޅިއްގެ އަގު ދަށްވާނެ ކަމަށް ނުބެލެވޭ ކަމަށް ފައިސަލް ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!