އިހްމާލުވާ ކޮންމެ ބިދޭސީއަކަށް ބައިލައްކައިން ޖޫރިމަނާ ކުރަން ފާސް ކޮށްފި
ދެންމެ | 19 އޯގަސްޓް 2024

ބިދޭސީ މަސައްކަތްތެރިންނަށް އިހްމާލުވާނަމަ ކޮންމެ މުވައްޒަފަކަށް 50،000ގެ ޖޫރިމަނާއެއް ވަޒީފާ ދޭފަރާތުން ދައްކަންޖެހޭނެ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި ބަދަލު މަޖިލީހުން ފާސްކޮށްފިއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށައެޅީ ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ދާއޫދުއެވެ. އެ ބިލުގެ މަސައްކަތް ކޮމެޓިން ނިންމާ މިއަދު މަޖިލީހުގައި ނެގި ވޯޓުން ބިލް ފާސްކުރީ 65 މެންބަރުންގެ ވޯޓާއެކުއެވެ. މި ބިލާ ދެކޮޅަށް 10 މެންބަރުން ވޯޓު ދެއްވި އެވެ.

މި ބިލުގައި ހިމަނާފައިވަނީ ބިދޭސީ މަސައްކަތްތެރިންނަށް އިހްމާލުވާނަމަ ކޮންމެ މުވައްޒަފަކަށް 50،000ގެ ޖޫރިމަނާއެއް ވަޒީފާ ދައްކަންޖެހޭނެކަމަށެވެ. އަދި ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ފަހު، އެ ފަރާތްތަކާ މެދު އިހުމާލުވާ ވަޒީފާ ދޭ ފަރާތްތަކުގެ މައުލޫމާތު އާންމުކުރަންވެސް ވަނީ ހިމަނާފައެވެ.

ބިލުގައި 50،000 ގެ ޖޫރިމަނާއެއް ކަނޑައަޅަން ހިމެނޭ މި ބަޔަށް ކޮމެޓީ މަރުހަލާގައި ކޮމެޓީގައި ބައެއް މެމްބަރުން ވަނީ ދެކޮޅަށް ވޯޓް ދެއްވާފައެވެ. އެއީ ގިނަ އަަދަދަކަށް ބިދޭސީ މުވައްޒަފުން ގެންގުޅޭ ކުންފުނިތަކުގެ ވެރިންނެވެ. އެންމެ ފަހުން ބިލުގައި ހިމެނޭ މި ބައި ފާސްކުރީ ކޮމެޓީގެ މުގައްރިރުގެ އޭދަފުށީ ދައިރާގެ މެމްބަރު އަހްމަދު ސަލީމްގެ ވޯޓާއި އެކުއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުން އެއް ގައުމަކުން ރާއްޖެއަށް ގެނެވޭނެ އެންމެ ގިނަ ބިދޭސީންގެ އަދަދު އަހަރަކު ދެ ފަހަރު ހާމަކުރަން ޖެހެއެވެ. މީގެއިތުރުން ބިދޭސީ މަސައްކަތްތެރިޔާ ގެންނަ ވަޒީފާ ނޫން އެހެން ވަޒީފާއެއް އަދާ ކުރުވުމާއި ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމުގައި ނުވަތަ ރާއްޖެ ގެނައުމަށް ފަހު އެ މީހުންނާ މެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުން ނުވަތަ އެ މީހުން ލައްވާ ގާނޫނާއި ގަވައިދާ ހިލާފު އަމަލުތައް ހިންގައިފިނަމަ ބޮޑު ޖޫރިމަނާއެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ވަޒީފާ ދޭ ފަރާތް 100،000ރ.އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު މިނިސްޓްރީއަށް މި ބިލުގައިވަނީ ދީފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!