ރާއްޖޭގެ ސިއްޙީ ދާއިރާ މިއަހަރު 2000 މުވައްޒަފުން އަލަށް ނަގާނެ ކަމަށް ރައީސް މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
”ރައްޔިތުންގެ އަޑު“ ޕްރޮގްރާމްގެ 4 ވަނަ ބައިގައި، ހުޅުމާލޭ ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރަކު ވަނީ އެ ހޮސްޕިޓަލަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ހިއްސާކުރައްވާފައެވެ. އެގޮތުން ހުޅުމާލޭގެ އާބާދީ ހަލުވިކަމާއެކު އިތުރުވަމުންދާތީ، ހިދުމަތް ހޯދަން އަންނަ މީހުންނަށް ފަރުވާ ދިނުމުގައި ދަތިތަކާ ކުރިމަތިވާކަން ފާހަގަކޮށް، އެކަމަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް އޭނާ ރައީސްގެ އަރިހުން އެދިލެއްވިއެެވެ. އަދި މަތީ ތަޢުލީމު ހާސިލުކުރުމަށްޓަކައި މިދިޔަ ޑިސެމްބަރު މަހު ގިނަ އަދަދެއްގެ މެޑިކަލް އޮފިސަރުން ވަޒީފާއިން ވަކިވުމާ ގުޅިގެން މުވައްޒަފުންގެ ދަތިކަން އިތުރަށް ބޮޑުވިކަންވެސް އެ ޑޮކްޓަރު ފާހަގަކުރެއްވިއެވެ.
އެކަމާ ގުޅިގެން ރައީސް މުޢިއްޒު ވިދާޅުވީ، ހުޅުމާލޭގެ އާބާދީއާ އެކަށީގެންވާ މިންވަރަށް ސިއްޙީ ހިދުމަތްތައް ބައްޓަންކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންދާ ކަމަށެވެ. އެގޮތުން އާންމު ބަލިތަކަށާއި ކުދިކުދި ފަރުވާތަކަށް ހާއްސަކޮށްގެން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ޖީޕީ ކްލިނިކްތަކެއް ގާއިމުކުރުމުގެ މަސައްކަތް މިހާރުވެސް ބަޔަކާ ހަވާލުކޮށްގެން ފަށާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
އަދި އެ ކްލިނިކްތަކުގެ މަސައްކަތް ނިމުމުން އިތުރު މުވައްޒަފުން ވަޒީފާއަށް ނެގޭނެކަން ފާހަގަކުރައްވަމުން، މުޅި ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި އެ ދާއިރާއަށް އަލަށް 2،000 އެއްހާ މުވައްޒަފުން އިތުރަށް ނެގުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުން އިތުރަށް މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ސިއްޙީ ދާއިރާއަށް ކަމަށާއި، މިހާރުވެސް މުވައްޒަފުން ނެގުމުގެ ކަންކަން ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



