މިނިވަން މީޑިޔާއަށް ގޮވާލި ސަރުކާރުން އަޑުގެ އިމާރާތް ޖަލް އޮފިސަރުން އޮފީހަކަށް ބަދަލު ކޮށްފި
ދެންމެ | 23 އޭޕްރިލް 2023

ދިވެހިރާއްޖޭގެ އަޑުގެ އިމާރާތަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިދާރީ އޮފީސް ބަދަލުކުރަން ނިންމައިފި އެވެ.

އެ އިމާރާތް ހިންގާ ޕީއެސްއެމްގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ތަނުގެ އޭ ބްލޮކަށް އަންނަ މަހު ކަރެކްޝަންސްގެ އޮފީސް ބަދަލުކުރާނެ ކަމަށެވެ.

އެ ބްލޮކުން ފަސް އަހަރުގެ މުއްދަތަކަށް 15،000 އަކަފޫޓު ކުއްޔަށް ދޭން ވަނީ ހަމަޖައްސައިފަ އެވެ.

އޮފިޝަލް ވިދާޅުވީ އެ ތަނަށް ބަދަލުކުރަނީ ކަރެކްޝަނަލް ސާވިސްގެ އިދާރީ އޮފީސް އެކަނި ކަމަށެވެ. ދިވެހިރާއްޖޭގެ އަޑުގެ ބަޔާއި ކަރެކްޝަނަލް ސާވިސް އަށް ދޫކުރާ ބައި ވަކިކުރުމަށް ފެންސެއް ޖަހާނެ ކަމަށާއި ދެ ތަނުގެ މުވައްޒަފުން ވަދެ ނުކުތުމަށް ވަކި ދޮރެއް ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަރެކްޝަނަލް ސާވިސްގެ އޮފީސް ބަދަލުކުރަން ނިންމީ އެ އޮފީސް މިހާރު ހިންގާ ޣާޒީ ބިލްޑިންގް ތަޅާލަން ނިންމުމުންނެވެ. ޕްލޭނިން މިނިސްޓްރީން ކުރިން ބުނީ ސަރުކާރުގެ އެންމެ ގިނަ ދުވަސްވީ އެއް އޮފީސް އިމާރާތް އަންނަ ޖޫން 20 ގެ ކުރިން ތަޅައި ނިންމާނެ ކަމަށެވެ.

އަޑުގެ އިމާރާތަށް އިންތިހާބީ މައި މަރުކަޒު ބަދަލުކުރަން ވެސް ކުރިން އުޅުނެވެ. އެކަމަކު، ފަހުން އެ މަރުކަޒު ބަދަލުކުރީ ދަރުބާރުގެއަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!