އައިސާއަށް އެންޓަނާ ދެއްކި އަލީ ވަހީދަށް ގާސިމް މަރުހަބާ ކިޔައިފި
ދެންމެ | 16 ޖޫން 2023

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ ކުށުގެ ދައުވާތައް ޕީޖީ އޮފީހުން އަނބުރާ ގެންދިއުމުން، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމް އަލީ ވަހީދަށް މަރުހަބާ ދަންނަވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރުމާއި ޖިންސީ އަނިޔާ ދިނުމާއި ރޭޕްކުރަން އުޅުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ދައުވާ އަލީ ވަހީދުގެ މައްޗަށް އުފުލީ 2020 ވަނަ އަހަރު އެވެ. އޭރު އޭނާ ހުރީ ޖޭޕީގެ ރައީސްގެ މަގާމުގަ އެވެ.

އެކަމަކު ދައުވާތައް ކުރިއަށް ދަނިކޮށް އޭނާ ރާއްޖޭން ބޭރަށް ދާން ހުއްދަ ދިނުމުން، ފުރައިގެން ދިޔަ ގޮތަށް އޭނާ އެނބުރި ރާއްޖެ އައިސްފައި ނުވާތީ އެ މައްސަލަތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ނުގެންދެވި ހުއްޓުނީ އެވެ. އަދި އެ ދައުވާތައް އަނބުރާ ގެނެސްފައިވާ ކަމަށް ޕީޖީން އިއްޔެ ބުންޏެވެ.

އެ ދައުވާތައް އަނބުރާ ގެންދިއުމާ ގުޅިގެން ޖޭޕީގެ ލީޑާރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ގާސިމް ވަނީ އަލީ ވަހީދަށް މަރުހަބާ ދަންނަވާފަ އެވެ.

”އޮނަރަބަލް އަލީ ވަހީދަށް ފަށްފަށުން މަރުހަބާ،“ އަލީ ވަހީދަށް ކުރި ދައުވާތައް އަނބުރާ ގެންދިޔަ ހަބަރުގެ ސްކްރީންޝޮޓެއް ހިއްސާކުރައްވައި ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ޕީޖީ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އަލީ ވަހީދަށް ކުރި ދައުވާތައް އަނބުރާ ގެންދިޔައީ އަލީ ވަހީދުގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ކުރިން ބަޔާންދިން މީހުންނާއި އޭނާއާ ދެކޮޅަށް ހެކިބަސް ދޭން ބަޔާން ދިން މީހުން އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާތީ އެވެ.

އަދި އެ ހެކިންގެ ހެކިބަހާ ނުލައި މައްސަލަ ސާބިތުކުރެވިދާނެ އެއްވެސް މަގެއް ނެތުމުން ދައުވާތައް ކުރިއަށް ނުގެންދިއުމަށް ނިންމައި، މައްސަލަ އަނބުރާ ގެންދިޔައީ ކަމަށް ޕީޖީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!