ޕީޕީއެމް އޮތީ ތޯއޫން ބަލި ޖެހިފައި ކަރަންޓީން ކުރަން ޖެހޭ: އެމްޑީއޭ
ދެންމެ | 14 ޖުލައި 2023

ޕީޕީއެމްއަކީ ކަރަންޓީން ކުރަން ޖެހޭ ޕާޓީއެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް މޯލްޑިވިއަން ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕެއިނަށް މިއަދު ކ. ގުރައިދޫއަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން މައުރޫފް ވިދާޅުވީ، ސިޔާސީ ތޮބީއަތް ބަދަލުވަމުން ގޮސް އުއްމީދު ޕޯޑިއަމްއެއްގައި ވާހަކަދައްްކަން އުއްމީދު ނުކުރާ ކަމަށެވެ. މިގޮތަށް ފާހަގަކުރައްވަމުން މައުރޫފް ވިދާޅުވީ، ޕީޕީއެމްގެ ކޯލިޝަން ސަރުކާރުގައި ލިބުނީ ހިތި ތަޖުރިބާތަކެއް ކަމަށެވެ. އެހެން ނަމަވެސް މިހާރު މިތިބީ އެމްޑީޕީއާ އެކު ގަދަކޮށް ކަަމަށް ވިދާޅުވިއެވެ.

”އެހެން ނަމަވެސް މިއަދު އަޅުގަނޑު ޕީޕީއެމްއަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން ތިޔަ ބޭފުޅުންނާއި ހެދި ކޯލިޝަން ސަރުކާރެއްގެ ހިތި ތަޖުރިބާއާއި އެކުގައި މިތިބީ ގަދައަށް އެމްޑީޕީއާ އެކީގައޭ“.

މައުރޫފް ވިދާޅުވީ، ޕީޕީއެމް އިން ކޯލިޝަން ހެދުމަށް އެ ޕާޓީއާ ބައްދަލު ކުރި ކަަމަށެވެ.

”އަޅުގަނޑު ބުނިން މަރުހަބާއޭ ތިބޭފުޅުންނާއި ވާހަކަދައްކަން މި ހުރީ ތައްޔާރަށޭ، އެހެން ނަމަވެސް ތިޔަ ބޭފުޅުންނާއި ދެ ސުވާލެއް ކުރިމަތި ކުރާނަމޭ، އެއް ސުވަލަކީ ތިބޭފުޅުންގެ ކެންޑޭޓަކީ ކޮން ބޭފުޅެއްތޯއޭ، ވިދާޅުވީ، އޭ ޓު ޒެޑް އަށް އޮތީ ރައީސް ޔާމީނޭ، އަޅުގަނޑު ދެންނެވީ ޔާމީނަކީ ޖިނާއީ ކުށެއްކޮށްގެން ހުރަގޭގައި އޮތް ބޭފުޅެއް ނުންހޭ، ދެން ކިހިނެއްހޭ އަޅުގަނޑުމެން ކޯލިޝަނެއް ހަދާނީ“.

އަދި ކޯލިޝަނެއް ހެދޭނީ، އެމަނިކުފާނު މިނިވަން ވުމުން ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ. އަދި ދެވަނަ ކަމެއްގެ ގޮތުގައި އިންޑިއާ އައުޓް ގޮވާކަށް ބޭނުން ނުވާ ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

”ދުވަހަކުވެސް ނުކުރާނެ ކަމެއް އެއީ. އަޅުގަނޑުމެންނަށް ފެނުނީ އެ މަންޒަރު، އަޅުގަނޑުމެންނަށް ފެނުނު ޗަގޯސްވެ ބޮޑު ޖަލްސާ، ކިހިނެއްތޯވީ، ޗޮކުން ދިޔައީ. އަޅުގަނޑަށް ސިފަވީ ފެޝަން ޝޯވއެއްގެ ގޮތުގައި. އަޅުގަނޑުމެންނަށް ފެނުނީ ފަހަތުން އިންޑިއާ އައުޓް“.

އެހެންކަމުން ޕީޕީއެމްއަކީ ކަރަންޓީން ކުރަން ޖެހޭ ޕާޓީއެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.

”އެއީ ކުރިން ޒަމާނުގައިވެސް ތޯއޫނު ބަލި އުފެދިއްޖެއްޔާ ކައިރި ނުވާނެ، މިއަދު ސިޔާސީ ގޮތުން އެއްވެސް ބަޔަކު ޕީޕީއެމްއަކާއި ކައިރިއެއް ނުވާނެ“.

އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އެމްޑީޕީ، އޭޕީ އަދި އެމްޑީއޭ އެކުވެ، ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހް ބޮޑުތަނުން ދެވަނަ ދައުރަކަށް އައްްޔަން ކުރާނެ ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ، 2013 އިން ފެށިގެން އޮފްނާރާ މީހަކު އޮފްކޮށްގެން ރައީސް ކަމަށް އައްޔަން ކުރެއްވި ކަމަށާއި، އެކަމުން ލިބުނީ ހިތި ތަޖުރިބާއެއް ކަމަށެވެ. މައުރޫފް ފާހަގަކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވާހަކައެވެ.

”އަޅުގަނޑުމެން ކޯލިޝަންގައި ދެމިތިބީ ދެ މަގްސަދަކަށްޓަކައި، އެއް މަގްސަދަކީ ވެރިކަން ވެއްޓިގެން ގޮސްފިނަމަ ރާއްޖޭގެ ރައްޔިތުންނަށް ލިބިދާނެ ގެއްލުމަށްޓަކައި، އަނެއް މަގްސަދަކީ އަޅުގަނޑުމެންގެ ޕާޓީގެ އިސްވެރިން ހުރަގެއަށް ލާފާނެތީ“. މައުރޫފް ވިދާޅުވިއެވެ.

އެހެން ނަމަވެސް، މިހާރު ރައީސް ސޯލިހާއެކު ދަތުރުފެށީ އުފާވެރި ރާއްޖެއަކަށް ކަމަށް ވިދާޅުވިއެވެ.

އަދި 2018ގައި ހަމަހިމޭނުން ތިބީ ނޫން ކަަމަށާއި، އެދުވަހު ހަމަހިމޭނުން ތިބީ ރައީސް ސޯލިހާއި ވެރިކަން ހަވާލު ކުރުމަށްފަހު، ދުރުމި އަރާ ރާޑަރުތައް ބަހައްޓައިގެން އެމަނިކުފާނު މަސައްްކަތް ކުރައްވާ ގޮތް ބެއްލެވުމަށް ކަމަށް މައުރޫފް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!