ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާވެސް ހިމެނޭ ގޮތަށް އޭރު ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެންބަރުން މުލިއާގޭގެ ވަޅުދިޔަ ހިއްކަންވެސް ގެންގޮސްފައިވާ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ފަލާހު ވަނީ އޭރު ޕީޕީއެމްގެ މަޖިލިސް މެންބަރުންނާމެދު ޔާމީންގެ ވެރިކަމުގައި ކަންތައް ކުރެއްވި ގޮތް ކިޔައިދެއްވައިފަ އެވެ.
”އޭރުގެ މުލިއާގޭ ތަންތަން އަޅުގަނޑުމެން އަލެއް ނުވާނެ އިނގޭތޯ. ބައެއް އެމްޑީޕީ ވެރިންނަށް ހީވަނީ މިއަދު ކަމަށް އަޅުގަނޑުމެން މުލިއާގެއަށް ވަނީ. އޭރުގައި މުލިއާގެއަށް ދަނީ މަސައްކަތު ހެދުން އަޅައިގެން. އެއީ އޭރުގެ ވެރިކަން ކުރެއްވި ވެރިންގެ ވައްތަރު. ބައެއް ފަހަރު އަންހެނުން އަހާލާނެ ކޮންތާކަށްހެއްޔޭ ތިދަނީ. މުލިއާގެއަށޭ ބުނީމަ ބުނާނެ ބަލަ ބާ އެއްޗެހީގަހޭ ތިދަނީ. ބޮޑު ސިންގާހާ މަަސައްކަތައް ދަންޏާ ދާންޖެހެނީ މުލިއާގެއަށް ދިޔަޔަސް ބާ އެއްޗެހި އަޅައިގެން. އެހެން ނޫނީ އަންނައުނުކޮޅާ ތަކެތި ހަލާކުނުންތޯ ވާނީ“ ފަލާހު ވިދާޅުވިއެވެ.
”އަޅުގަނޑުމެން ހުންނާނެ މުލިއާގެ ތަންތަނުގައި އޭރު ވަޅުދިޔަ ހިއްކާފައި. ވަޅުދިޔަ ހިއްކާފައި ހުންނާނެ. ޕެނަޑޯލް އެކަންޏެއް ނޫން، އައްޑޫ ބޮޑިއަށް ދާންދެން ހަދާފަ ހުންނާނެ އެތަނުގައި“
ފަލާހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ޔާމީން ހިޔާނާތުގެ ތުހުމަތު ކުރައްވާއިރު އަމިއްލަ އެކައުންޓަށް ތަފާތު އެކިފަހަރު މަތިން ފައިސާ ޖަމާވެފައިވާ ކަމަށް ޔާމީން އަމިއްލަފުޅަށް އިއުތިރާފުވެވަޑައިގެންފައިވާ ކަމަށެވެ. އަދި އެފަދަ މައްސަލައެއް ކޯޓުގައި ސާބިތުވެސް ވެފައިވާއިރު ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ބޮޑަށް ރާއްޖެއަށް ހިޔާނާތްތެރިވީ ޔާމީން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޔާމީން ދައްކަވާ ވާހަކަ ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށާއި ރައީސް މުއިއްޒަށް ރައްޔިތުންގެ މެދުގައި އޮތް ތާއީދު ދަނީ އިތުރުވަމުން ކަމަށެވެ.