ބ. ކަމަދޫގައި މޫދު ކުޅިވަރަށް ހާއްސަކޮށްގެން ވޯޓާ ޕާކެއް ހެދުމަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ.
ކައުންސިލުން މިހާރު ވަނީ ވޯޓާ ޕާކުގެ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓު (އީއައިއޭ) ހަދައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފަ އެވެ.
ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ އެ ޕާކު ހަދަން ނިންމީ އެ ރަށުގެ ރައްޔިތުންނަށް މޫދެއް ބޭނުންވާތީ ކަމަށެވެ. ލޯކަލް ޓޫރިޒަމްގެ ނަފާ ލިބޭ، ކަމަދޫގެ މޫދު ސަރަހައްދު މިހާރު ބޭނުންކުރަމުން އަންނަނީ އެ ރަށުގައި ތިބޭ ޓޫރިސްޓުންނެވެ.
ވަކިން ޕާކެއް ހެދުމުގެ ބޭނުމަކީ، ޓޫރިސްޓުންނަށް އުނދަގޫ ނުވާނެ ގޮތަށް ރައްޔިތުންނަށް މޫދަށް އެރި އުޅެވޭނެ ގޮތެއް ހެދުން ކަމަށް ޒަރީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވޯޓާ ޕާކު ހަދާނީ ޕިކްނިކް ދިއުމާއި މޫދު ކުޅިވަރަށް ހާއްސަ ބީޗަކާއެކު ކަމަށާއި ޕާކު ހަދަނީ ސްލައިޑުތައް ވެސް ހިމަނައިގެންނެވެ.
ޒަރީރު ވިދާޅުވީ، ވޯޓާ ޕާކަށް ބޭނުންވާ ސާމާނު ހޯދަން ކޮންޓްރެކްޓަރަކާ މިހާރު ހަވާލުކޮށްފައިވާ ކަމަށާއި، 40 ދުވަސްތެރޭ އެތަކެތި ލިބޭނެ ކަަމަށެވެ.
އެ ރަށުގައި ހަދާ ބީޗަކީ އެ ރަށަށް ޒިޔާރަތްކުރާ މީހުންނަށް ހިތްހަމަޖެހުން ގެނުވާނެ ތަނަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ޒަރީރު ވިދާޅުވި އެވެ.
”މިހާރު އޮތް މޫދަށް ގިނައިން ދާނީ ޓޫރިސްޓުން. ގެސްޓުންނަށް އުނދަގޫކޮށް ހަދާކަށް ނުޖެހޭނެ ދެން މިތަން ހެދުމުން، މިހާރު ވެސް އުނދަގުލެއް ނުކުރާނެ. އެކަމަކު އަޅުގަނޑުމެން ވިސްނީ ރައްޔިތުންނަށް ހިތްހަމަޖެހިގެން މޫދަށް އެރެވޭނެ ގޮތެއް ހޯދަން،“ އޭނާ ވިދާޅުވި އެވެ.
އެހެންވެ މިދިޔަ އަހަރުގެ ބަޖެޓުގަ އާއި ރަށު ތަރައްގީގެ ޕްލޭންގައި ވެސް ކައުންސިލުން އެންމެ އިސްކަމެއް ދީގެން ހިމެނީ އެތަން ހެދުމެވެ.
ޒަރީރު ވިދާޅުވީ އެ ރަށުގެ ހުޅުނގު އުތުރުގައި ހެދުމަށް ނިންމި އެ ވޯޓާ ޕާކާއެކު ބީޗް ތަރައްގީކޮށް ނިންމުމަށް، ދިރާގަށް ދޫކޮށްފައި އޮތް ބިމުންނާއި އަތޮޅު ކައުންސިލްގެ ބަޖެޓުން ވެސް ފައިސާ ލިބިފައިވާ ކަމަށެވެ. އެތަން ނިމޭ އިރު ގާތްގަނޑަކަށް 8 ލައްކަ ރުފިޔާ ހަރަދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް 500 މީހުން ދިރިއުޅޭ ކަމަދު އަކީ އީދުގައި ގިނަ ބަޔަކު ދާ އެއް ރަށެކެވެ. މިދިޔަ ބޮޑުއީދުގައި ވެސް ގިނަ ބަޔަކު އެ ރަށަށް ދިޔައިރު، ސަގާފީ ކުޅިވަރާއި ނެށުންތަކުން އެ ރަށުގެ އަޑު ގަދަވި އެވެ.