ހައްޖު ކޯޕަރޭޝަނުން ގެސްޓް ހައުސް ވިޔަފާރިއަށް ވަނުމުގެ ނަތީޖާ ރަނގަޅެއް ނުވާނެ: ޒަމީރު
ދެންމެ | 03 ޑިސެމްބަރ 2024

ހައްޖު ކޯޕަރޭޝަނުން ގެސްޓް ހައުސް ހިންގުން ފަދަ ވިޔަފާރިތަކަށް ވަނުމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ޒަމީރު އެހެން ވިދާޅުވިއިރު، ލޯކަލް ޓޫރިޒަމް ހިންގާ ކ. މާފުށީގައި ސިޓީ ހޮޓަލެއް އިމާރާތްކޮށް ”ހަލާލް ޓޫރިޒަމް“ އަށް އިންވެސްޓު ކުރަން ހައްޖު ކޯޕަރޭޝަނުން ވަނީ ނިންމައިފަ އެވެ.

ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުންޏެއް ނަމަ އެ ކުންފުނި ހާއްސަ ވެފައިވާ ދާއިރާގެ ތެރޭގައި މަސައްކަތް ބެހެއްޓުން މުހިންމު ކަމަށެވެ.

ހައްޖު ކޯޕަރޭޝަނަކީ މީހުން ހައްޖަށް ފޮނުވަން ލިބޭ ފަންޑު މެނޭޖް ކުރުމުގެ މަސައްކަތް ކުރާ ކުންފުންޏެއް ކަމަށާއި އެކްސެސް ފަންޑު ހުރި ނަމަ ސްޕެޝަލިސްޓުންނާ ހަވާލު ކޮށްގެން ކަންކަން ކުރުމުން އޭގެ ފައިދާ ކުންފުންޏަށް ބޮޑުވާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

ގެސްޓް ހައުސް ހިންފުން ފަދަ މަސައްކަތް ކުރުން އެއީ އެންމެ ފައިދާ ހުރި ގޮތްތޯ ހައްޖު ކޯޕަރޭޝަންގެ ބޯޑާއި ހިއްސާދާރުން ވިސްނަން ޖެހޭ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

”ޓޫރިޒަމަށް އިންސްވެސްޓު ކުރާ ނަމަ ޓޫރިޒަމަށް އިންވެސްޓް ކުރެވޭނެ ކުންފުނިތައް އެބަހުރި ސަރުކާރުގެ. ހުރިހާ ކުންފުނިތަކުން، އެޗްޑީސީ ހައްޖު ކޯޕަރޭޝަން އަދި ފެނަކަ އާއި އެންމެން ގެސްޓް ހައުސް އާއި ރިސޯޓު ހެދީމާ ނަތީޖާ ރަނގަޅެއް ނުވާނެ،“ މިނިސްޓަރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވިގޮތުގައި، ފެނަކަ ފަދަ ކުންފުނިތަކުން އައިސްޕްލާންޓް ހިންގުމާއި ބޭސްފަރުވާ އަށް މީހުން ފޮނުވުން ނުވަތަ އާރުޑީސީ ފަދަ ކުންފުންޏަކުން ކުއްލިއަކަށް ޓްރާންސްޕޯޓް ހިދުމަތަށް ވަދެއްޖެ ނަމަ މައްސަލަތައް ދިމާވާނެ އެވެ.

ކުންފުނިތަކުގެ ރިފޯމް އެޖެންޑާގެ ދަށުން އެކަމާ ގުޅޭ ގޮތުން ޕޮލިސީ ލެވެލެއްގައި ކުރަން ޖެހޭ މަޝްވަރާތައް ކުރަމުން ގެންދަވާނެ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!