ނިމިދިޔަ 2025 ވަނަ އަހަރަކީ ދިވެހި ދައުލަތަށް ރެކޯޑު މިންވަރަކަށް އާމްދަނީ ލިބުނު އަހަރަކަށް ވީނަމަވެސް، އެ އާމްދަނީގެ ބޮޑު ބައެއް ހޭދަކުރަން ޖެހުނީ ކުރީގެ އެމްޑީޕީ ސަރުކާރުން ވާރުތަވި ބޮޑު ދަރަނި އަދާކުރުމަށް ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ”ބަޖެޓު ނަތީޖާ ބަޔާން 2025“ އިން ދައްކާގޮތުގައި، މިސަރުކާރުން 2025 ވަނަ އަހަރު ދަރަނި އަދާކުރުމަށް އެކަނިވެސް 10.1 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ކުރީގެ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ޕްރިންސިޕަލްއަށް ދެއްކި 5.3 ބިލިއަން ރުފިޔާ އާއި އިންޓްރެސްޓްގެ ގޮތުގައި ދެއްކި 4.8 ބިލިއަން ރުފިޔާއެވެ.
މި ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން، މިސަރުކާރުން ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި (ނޮވެމްބަރު 2023 އިން މާރިޗު 2026 އަށް) ބޭރުގެ ދަރަނީގެ ގޮތުގައި ޖުމްލަ 2.3 ބިލިއަން އެމެރިކާ ޑޮލަރު ވަނީ ދައްކާފައެވެ. މިއީ ކުރީގެ އެމްޑީޕީ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގައި ދެއްކި 538 މިލިއަން ޑޮލަރާ އަޅާބަލާއިރު އެތައް ގުނައެއް އިތުރު އަދަދެކެވެ.
މާލީ ގޮތުން ސަރުކާރުން ހޯދި ބޮޑު ކާމިޔާބީއަށް ބަލާއިރު، 2025 ވަނަ އަހަރުގެ ބަޖެޓު ޑެފިސިޓް ވަނީ އަންދާޒާކުރި 9.4 ބިލިއަން ރުފިޔާއިން 4.4 ބިލިއަން ރުފިޔާއަށް ދަށްކުރެވިފައެވެ. މިއީ %53.6 ގެ ބޮޑު ކުރިއެރުމެކެވެ. އަދި ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީ.ޑީ.ޕީ) ބަލާއިރު، 2023 ވަނަ އަހަރު %10.5 ގައި ހުރި ޑެފިސިޓް، 2025 ވަނަ އަހަރު ވަނީ %3.6 އަށް ދަށްވެފައެވެ. މިއީ ފާއިތުވި ހަތް އަހަރުގެ ތެރޭގައި ޑެފިސިޓް މިހާބޮޑަށް ދަށްވި ފުރަތަމަ ފަހަރެވެ.
ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާއިރު، 2025 ވަނަ އަހަރު ލިބިފައިވަނީ 39.9 ބިލިއަން ރުފިޔާއެވެ. މިއީ 2019 ވަނަ އަހަރުގެ ފަހުން ދައުލަތަށް އެންމެ ގިނަ އާމްދަނީ ލިބުނު އަހަރެވެ. މި އާމްދަނީ ލިބުމުގައި ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި، ރިސޯޓް ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އަދި ވޯކް ޕާމިޓް ފީ ފަދަ ޓެކްސް ނޫން އާމްދަނީ އިތުރުވުން މުހިންމު ދައުރެއް އަދާކުރިއެވެ.
މިނިސްޓްރީން ބުނި ގޮތުގައި، 2025 ވަނަ އަހަރަކީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ސަޕްލިމެންޓަރީ ބަޖެޓަކާ ނުލައި، ފާސްކުރި ބަޖެޓުގެ ތެރޭގައި ޚަރަދުތައް މެނޭޖުކުރެވުނު ހަމައެކަނި އަހަރެވެ. ޖުމްލަ ޚަރަދު ހުރީ 44.2 ބިލިއަން ރުފިޔާގައެވެ.
މި ނަތީޖާއިން ދައްކައިދެނީ، ކުރީގެ ސަރުކާރުން ވާރުތަވި ބޮޑު ދަރަނި އަދާކުރުމުގެ ބުރަ އުފުލަމުންވެސް، އާމްދަނީ އިތުރުކޮށް، ޚަރަދުތައް ކޮންޓްރޯލްކޮށް، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމުގައި ސަރުކާރުން ހޯދާފައިވާ ބޮޑު ކުރިއެރުން ކަމަށް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.



