ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދިނުމުގެ އުސޫލުތައް އެއްގޮތްކޮށް، އެކަމަށް ޚާއްސަ ސާކިއުލާއެއް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ނެރެފި އެވެ.
ޕީސީބީން ކުންފުނިތަކަށް ފޮނުވި ސާރކިއުލާގައި އިރުޝާދުދީފައިވަނީ، ހަފުތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރާ ވަގުތަށް އެކަނި އިތުރުގަޑީގެ ފައިސާ ލިބޭގޮތަށް ކުންފުނިތަކުގެ އޯޓީ ދޭ އުސޫލު ބަދަލުކުރުމަށެވެ.
ޕީސީބީން ބުނީ، މި ނިންމުމުގެ މަގުސަދަކީ އިތުރުގަޑީގެ މަސައްކަތް ބެލެހެއްޓުމުގައި ހުރިހާ ކުންފުންޏަކުންވެސް އެއް އުސޫލަކަށް އަމަލުކުރުން ކަމަށެވެ.
އިތުރު ގަޑީގެ ހަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުން ކުންފުނީގެ މުހިއްމު މަސައްކަތްތަކާއި ހިދުމަތްތައް ރަނގަޅު ކުރުމަށް އިތުރު ވަސީލަތްތައް ބޭނުން ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ޕީސީބީން ބުންޏެވެެ.
އެހެންވެ، ޕީސީބީން އެންގީ މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ކުންފުނިތަކުގެ އިތުރު ގަޑީގެ ފައިސާ ދިނުމުގެ އުސޫލަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ އިސްލާހަށް އަމަލު ކުރަން ފެށުމަށެވެ.
އިތުރު ގަޑީގެ ފައިސާ ދިނުން ކޮންޓްރޯލްކުރުމަށް ޕީސީބީން މި އެންގީ، ސަރުކާރު ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް މުޅި ދައުލަތުގެ ފެންވަރުގައި ފުޅާ ދާއިރާއެއްގައި ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގަ އެވެ. އެގޮތުން، މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީން ވަނީ، ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް މަދުކުރުމަށް ޕީސީބީއަށް އަންގައިފަ އެވެ



