މުސްކުޅިވެ ހަންޓޯޓާވުމުން ބައިޑެން، އިތުރު ދައުރަކަށް ވާދަނުކުރަން ނިންމަވައިފި
ދެންމެ | 21 ޖުލައި 2024

އެމެރިކާގެ ރައީސް ޖޯ ބައިޑެން، އިތުރު ދައުރަކަށް ވާދަނުކުރައްވަން ނިންމަވައިފިއެވެ.

ބައިޑެން އެކްސްގައި އާންމުކުރެއްވި ސިޓީއެއްގައި ވަނީ، މި ރިޔާސީ ދައުރުގައި ގައުމަށް ގިނަގުނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މިއަދު ދުނިޔޭގެ އެންމެ ވަރުގަދަ އިގުތިސާދުގެ ގޮތުގައި ފާހަގަވަނީ އެމެރިކާ ކަމަށާއި ގައުމުގެ ތަރައްގީއަށްޓަކައި ތާރީޚީ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

ބައިޑެން ވިދާޅުވީ އެ ހުރިހާ މަސައްކަތެއް ވެސް ކުރެވުނީ އެމެރިކާގެ ރައްޔިތުންގެ އެހީއާއެކު ކަމަށާއި، ކޮވިޑް ބަލިމަޑުކަމާއި އިގުތިސާދީ ކާރީސާއަކުން އަރައިގަނެވިފައިވާ ކަމަށެވެ. އަދި ގައުމުގެ ރައްޔިތުންނާއެކު ޑިމޮކްރަސީ ރައްކާތެރިކޮށް ދަމަހައްޓަައި، އެހެން ގައުމުތަކާ ގުޅުން ބަދަހިކުރެވިފައިވާ ކަމަށް ސިޓީގައިވެއެވެ.

”އެމެރިކާގެ ރައްޔިތުންގެ ރައީސްގެ ގޮތުގައި ޚިދުމަތް ކުރުމަކީ އަޅުގަނޑުގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފު. އަދި އިތުރު ދައުރަކަށް ވާދަކުރަން އަޅުގަނޑު ކުރިން ގަސްތުކޮށްގެން ހުރި ނަމަވެސް، އަޅުގަނޑުގެ ޕާޓީ އާއި ގައުމަށް މިހާރު އެންމެ ރަނގަޅު ގޮތަކީ ރިޔާސީ ރޭހުން ވަކިވެ، ދައުރު ނިމެންދެން ރައިސްކަމުގެ ޒިންމާތައް ފުރިހަމަ ކުރުމަށް ހުސްވުން ކަމަށް އަޅުގަނޑު ދެކެން،“ ބައިޑެން ވިދާޅުވިއެވެ.

އެ ނިންމުމާ ބެހޭ އިތުރު ތަފުސީލު ގައުމާ މުހާތަބު ކުރައްވައި ފަހުން ދެއްވާނެ ކަމަށް ވެސް ސިޓީގައިވެެއެވެ.

ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރަން ފެށުމުގެ ކުރިން ވެސް، 81 އަހަރުގެ ބައިޑެންގެ ދުޅަހެޔޮކަމާ މެދު ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!