ލ. ގަމުގައި ކަރަންޓުގައި ޖެހުނު ކުއްޖާގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.
އައިޖީއެމްއެޗް އިން ބުނީ ވެންޓިލޭޓަރުގައި އޮތް އެ ކުއެްޖާ މެއި 29 ވަނަ ދުވަހު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށެވެ. ނަމަވެސް އެކުއްޖާއަށް ފަރުވާދެމުން އަންނަނީ ހާއްސަ ސަމާލުކަމެއް ދީގެންކަމަށް ބުނެއެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ އެ ރަށުގައި އީދު ކުޅިވަރު ބޭއްވުމަށް ތަނަކަށް ކަރަންޓު ދިނުމަށްޓަކައި މަގުމަތީގައި ހުރި ކަރަންޓު ފޮށްޓަކުން އެކްސްޓެންޝަން ބޯޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގައެވެ.
ހާދިސާ ހިނގި ވަގުތުން ފެށިގެން އެ ކުއްޖާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ. ނަމަވެސް، ކުއްޖާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވުމާ ގުޅިގެން، ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ.



